Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި، ދިނީ ތިން މަސް ދުވަސް

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި، ދިނީ ތިން މަސް ދުވަސް
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ނަގަން ޖެހޭ ލައިސަންސް ހޯދުމަށް އެދި ހުށަހަޅަން ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ. މިދިޔަ ނޮވެމްބަރު މަހު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އާ އިސްލާހަށް ވަނީ އަމަލުކުރަން ފަށާފަ އެވެ. ހެލްތު މިނިސްޓްރީން ރޭ ނެރުނު އިއުލާނުގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ ލައިސަންސްތައް ހޯދުމަށާއި ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ހުއްދައަށް އެދެން ދީފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ. ލައިސަންސް ނަގަން ހުށަހަޅަން ޖެހޭނީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. ދުންފަތުގެ ވިޔަފާރި ކުރުމަށް ހަތަރު ބާވަތެއްގެ ލައިސަންސެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ލައިސަންސްތައް ދޫކުރާނީ އެކަމަށް ކަނޑައަޅާފައިވާ ފީ ދެއްކުމުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ލައިސަންސް ދޫކުރާ މުއްދަތު ހަމަވުމުގެ ދެ މަސް ދުވަސް ކުރިން ލައިސަންސް އާކުރަން ހުށަހަޅަން ޖެހެ އެވެ.

ދުންފަތުގެ ވިޔަފާރިއަށް ދޫކުރާ ލައިސަންސްތަކަކީ:

  • ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
  • ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސް
  • ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓްކުރުމުގެ ލައިސަންސް
  • ދުންފަތުގެ އާ ބާވަތެއް ރަޖިސްޓްރީކުރުން
ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކޭނީ 5،000 ރުފިޔާގެ ފީ އެއް ދައްކައިގެނެވެ. އެ ލައިސަންސް އާކުރަން އެ އަދަދު ދައްކަން ޖެހެ އެވެ. ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމާއި ރިއެކްސްޕޯޓްކުރުމުގެ ލައިސަންސްއަށް 10،000 ރުފިޔާ ދައްކަން ޖެހެ އެވެ. ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން ހާއްސަކޮށްފައި ހުންނަ ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ހުއްދައަށް 10،000 ރުފިޔާގެ ފީއެއް ނަގާނެ އެވެ. އެ ލައިސަންސްތައް އާކުރަން ވެސް އެ އަދަދު ދައްކަން ޖެހެ އެވެ. ދުންފަތުގެ ވިޔަފާރީގެ ހުއްދައަށް އެދި ހުށަހެޅުމަށް ހުޅުވާލާ މުއްދަތުގެ ފަހުން، ލައިސަންސް ނެތި އެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ނަމަ ލައިސަންސް ބާތިލުކުރާނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް