ޚަބަރު ޝަރުޢީ ދާއިރާ

ހައި ކޯޓުގެ އިސްފަނޑިޔާރަކަށް ފައިސަލް ހަމަޖެއްސުމަށް ނިންމައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހައި ކޯޓުގެ ފަނޑިޔާރު ފައިސަލް: ކޯޓުގެ އިސްފަނޑިޔާރަކަށް ހަމަޖެއްސުމަށް ޖޭއެސްސީން ވަނީ ނިންމާފައި

ހައި ކޯޓުގެ އިސްފަނޑިޔާރަކަށް މުހައްމަދު ފައިސަލް ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

Ads by MPL

ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމު އަދާކުރައްވަމުން ގެންދެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. މިދިޔަ މަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރެއްވުމާ އެކު، ހައި ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ވަނީ ފައިސަލް އާ އެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު ފައިސަލް ހަމަޖެއްސުމަށް ނިންމީ ރޭ އެ ކޮމިޝަނުން ބޭއްވި ޖަލްސާގައި ކަމަށެވެ.

ގާނޫނީ ދާއިރާގައި 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ ފައިސަލްއަކީ ރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީއަތާ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބާގައި މަސައްކަތް ކުރައްވާފަ އެވެ.

ފައިސަލް ވަނީ 2014 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީގެ މެމްބަރުކަން ކުރައްވައި، ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަންނަވަންދެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ފުރުއްވާފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަންކުރައްވާފައި ވަނީ 2018 އަހަރުގެ ޖުލައި މަހުގެ 24 ދުވަހު އެވެ.

Ads by Allied Insurance