ސަރުކާރުގެ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުވާނެ: ސައީދު

ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީ (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރި ނަމަވެސް އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.
ސަރުކާރުން މިފަހުން ވަނީ ރަށްރަށުގައި ހިނގަމުންދިޔަ ބައެއް މަޝްރޫއުތަކާއި އަލަށް ފަށާ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ސްކޫލުތަކުގެ ނުނިމިހުރި މަސައްކަތްތަކާ އަދި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކާއި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތަކުގެ އިތުރުން ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުން ހިމެނެ އެވެ.
އަމިއްލަ ކުންފުނިތަކުން މީގެކުރިން ކުރަމުން އައި އެފަދަ މަސައްކަތްތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރުމުން ކޮށްފާނެ އަސަރާ ގުޅޭގޮތުން މިއަދުގެ ޕްރެސްގައި ސުވާލުކުރުމުން ސައީދު ވިދާޅުވީ އެ ކަމަކީ އަލަށް ހިނގާ ކަމެއް ނޫން ކަމަށެވެ. ރަށްރަށުގެ ބަނދަރު ހެދުމާއި ފުޓުބޯޅަ ދަނޑު އެޅުމާއި މިސްކިތް މަރާމާތުކުރުމާއި ސްކޫލުތަކަށް ބޭނުންވާ މަސައްކަތްތައް ފަދަ ރަށްރަށަށް ބޭނުންވާ ކަންކަން ބަޖެޓުގެ ދަތިކަމާ ހުރެ ކުރިއަށް ނުގޮސް ހުއްޓިފައި ހުންނަ ކަމަށެވެ. އެކަންކަމަކީ ރަށު ކައުންސިލުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ކަންކަން ކަމުގައި ފާހަަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަނީ މިފަދަ ނުކުރެވި ހުރި މަސައްކަތްތައް ވައުދުފުޅާ އެއްކޮށް ކުރުން. މިކަން ކުރާއިރުގައި ޕްރައިވެޓް ސެކްޓާ ބާކީ ކުރާނެ ކަމަށް މީޑިއާގައި ފެތުރޭ ވާހަކައަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން،" ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކަށް ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކުރުމަކީ ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ކުންފުނިތައް ބާކީކުރުން ކަމަށް މާނަކޮށްގެން ނުވާނެ ކަމުގަ އެވެ.
"އެއީ އަޅުގަނޑަށް ހީވަނީ އެކަން މާނަކުރަން ޖެހޭނެ ގޮތެއް ނޫންހެން. ބާކީއެއް ނުކުރާނެ،" ސައީދު ވިދާޅުވި އެވެ.
ޕްރައިވެޓް ސެކްޓާގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ކޮންޓްރެކްޓާ އެސޯސިއޭޝަންތަކާއި ސެކްޓާ ތަމްސީލުކުރާ އެކި ފަރާތްތަކާ ބައްދަލުކޮށް ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމުގަ އެވެ. އޭގެ އިތުރުން އެކި ދާއިރާތަކުން ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތައް ހިމެނޭހެން އެކުލަވާލާފައިވާ ބިޒްނަސް ކައުންސިލުން ރަސްމީ ހަ ބައްދަލުވުން މިހާތަނަށް ބާއްވާފައިވާ ކަމުގައި ފާހަގަކުރެއްވި އެވެ.
"އެ ބޭފުޅުންގެ އަޑު މި ދަނީ ހަމަ އަހަމުން. ހުރި ކަންބޮޑުވުންތައް ކޮންމެ ދާއިރާއެއްގެ ވެސް އަހަމުން މި ދަނީ. ހާއްސަކޮށް ކުދި ވިޔަފާރިކުރާ ފަރާތްތަކަށް އަޅުގަނޑު ޕާސަނަލީ އެބަ ވިޒިޓްކުރަން،" ސައީދު ވިދާޅުވި އެވެ.
ވިޔަފާރިކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ކެބިނެޓާ ހިއްސާކޮށްފައިވާ ކަމަށާއި އުފެދިގެން އަންނަ ފޮރިން އިންވެސްޓްމަންޓް ގަވާއިދު ވާނީ ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށް، އެ ފަރާތްތައް ހިމާޔަތްކޮށްދޭނެ ގަވާއިދަކަށް ކަމުގައި ފާހަގަކުރެއްވި އެެވެ. ސައީދު ވަނީ ކުންފުނިތައް ކުރިއެރުވުމުގައި ހުރި ދަތިތަކަކާއި ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
