ޚަބަރު ސަރުކާރު

މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލެއް، މިހާރު 9،264 ރުފިޔާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޒަކާތް ބަލައިގަންނަނީ: މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ބަދަލު ގެނެސްފައި / ފޮޓޯ:ޒަކާތު ހައުސް

ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާ ކަމަށް ރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފި އެވެ.

Ads by STELCO

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.

މުދަލު ޒަކާތުގެ ނިސާބަށް ޒަކާތު ހައުސްއިން އެންމެފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަމަށް ކަނޑައަޅާފައި ވަނީ 8800.05 ރުފިޔާ އެވެ.

އެ ބަދަލުގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރަކު ނިސާބަށް ބަދަލު ގެނެސްފައިވެ އެވެ. އެއީ:

  • އޮކްޓޫބަރު - 9240.35 ރުފިޔާ
  • މެއި - 9،353.40 ރުފިޔާ
  • ޖެނުއަރީ - 7،140 ރުފިޔާ

ރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ވަނީ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާކަން ހާމަކޮށްފަ އެވެ. ރިހީގެ ގްރާމަކަށް 15.57 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ 9،264.15 ރުފިޔާއަކީ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަމަށް ވަނީ ބުނެފަ އެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެވެ އެވެ.

ބާޒާރުގައި ރިހީގެ އަގު މިހާރު ހުރީ ގްރާމަކަށް 15.57 ރުފިޔާއަށް އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1،601.52 ރުފިޔާގައި ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

އެ ހައުސްއިން ބުނި ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ނިސާބު ކަނޑައެޅުން ކަމަށް އިލްމުވެރިން ވިދާޅުވާ ކަމުގަ އެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

Ads by HDC