ޚަބަރު ސަރުކާރު

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުން ޓޫރިޒަމަށް އަދި ގެއްލުމެއް ނެތް: ތޯރިގު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރު ތޯރިގު ޕްރެސްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުން ޓޫރިޒަމަށް އަދި ގެއްލުމެއް ނެތް ކަމަށް / ފޮޓޯ:ރައީސް އޮފީސް

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ ސަބަބުން އަދި މިހާތަނަށް ބެލި ބެލުމުން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުމެއް ނެތް ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފާނެ އަސަރާ ގުޅޭގޮތުން މިއަދު ބޭއްވި ޕްރެސްގައި ނޫސްވެރިއަކު ސުވާލުކުރުމުން ތޯރިގު ވިދާޅުވީ ރާއްޖެ ޒިޔާރަތްކުރުމާ ދެކޮޅަށް އެއްވެސް ބަޔަކު އެންޓި ކެމްޕޭނެއް ހިންގަމުންދާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބައެއް މީޑިއާތަކުގައި ލިޔެފައި އެބަހުރި ކަމަށާއި އެކަމަކު ރާއްޖޭގެ ނިންމުމަށް ތައުރީފުކޮށްފައި ލިޔެފައި ހުރި އާޓިކަލްތައް ވެސް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު ހާލަތު ކޮންމެ ދުވަހަކު މޮނިޓަކުރަމުންދާ ކަމަށާއި އެކަމަކު މިހާތަނަށް އެފަދަ ކަމެއް ފާހަގަވެފައިނުވާ ކަމަށް ވިދާޅުވި އެވެ.

"... މޭޖާ އިމްޕެކްޓެއް ނޫނިއްޔާ އަންނަ ފަތުރުވެރިން މަދުވެ އެކަހަލަ ކަމެއް ނެތް އަދި އެއް. ރާއްޖެ އާ ދޭތެރޭގައި ފިޔަވަޅު އަޅައި، ނޫނިއްޔާމު ރާއްޖެ ނާންނަން ގޮވާލައި، އެކަހަލަ ގޮތަކަށް މާސްކޮށެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރި ސަބަބު ބައިނަލްއަގުވާމީ ފަރާތްތަކަށް އަންގަމުންދާ ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅާފައި ވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.

ބިލުގެ މަސައްކަތް އޭގެ ފަސް މަސް ދުވަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ފަށައި ފާސްކޮށްފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ފާސްކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

އިމިގްރޭޝަނުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލިހުން ފާސްކުރުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގުކުރައްވާފަ އެވެ. ގާނޫނަށް ގެނައި ބަދަލާ އެކު އެ ދުވަހުން ފެށިގެން އިޒްރޭލުގެ ޕާސްޕޯޓުގައި އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން ވަނީ މަނާވެފަ އެވެ.

Ads by Ooredoo