ރައީސަށް މެލޭޝިއާ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި އެވެ.
މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިއާގެ ޕުޓުރާޖާޔާގަ އެވެ. އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފުގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެ އެވެ.

ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޕުޓުރާޖާޔާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
ރަސްމިއްޔާތުގައި ރައީސަށް މެލޭޝިއާގެ އިއްޒަތްތެރިން މަރުހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރަށް ތައާރަފުކޮށްދެއްވި އެވެ. އަދި ދެ ގައުމުގެ ލީޑަރުން އެކުގައި ޕުޓުރާ މިސްކިތުގެ ކުރިމަތީގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރެއްވި އެވެ.
ރައީސް އޮފީހުން އިއްޔެ ބުނެފައި ވަނީ މި ދަތުރުފުޅުގައި ރައީސް މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރު ކުރެވޭނެ އިތުރު މަގުތައް ހޯދުމާމެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޕުޓުރާޖާޔާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
ރައީސް އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި:
- ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދާނެ
- އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރި އާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ
- މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާއަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީގައި ރައީސް ތަގުރީރެއް ދެއްވާނެ
- މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވާނެ
ތިން ދުވަހަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
