ކޮވިޑް-19: އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާ ކޮށްފި
ކޮވިޑް-19 ގެ މި ބަލިމަޑުކަމުގައި އެހީތެރިވުމަށް އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާ ކޮށްފިއެވެ.
އެޤައުމުން މިއަދު ރާއްޖެއަށް އެވެންޓިލޭޓަރުތައް ހަވާލުކޮށްދެއްވީ ވާޗުއަލްކޮށް ކުރިއަށް ގެންދެވުނު ރަސްމިއްޔާތެއްގައެވެ.
އެމެރިކާއިން ހަދިޔާކުރި 60 ވެންޓިލޭޓަރތަކާއި ރާއްޖެއިން ރަމްޒީކޮށް ހަވާލުވެފައިވަނީ ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު އަބްދުލްރައްޒާގެވެ. އެ ވެންޓިލޭޓަރު ހަވާލު ކުރައްވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސް އެވެ. އެ ދެ ބޭފުޅުން ސްރިލަންކާއިން ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއިރު ރާއްޖެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޔޫއެެސްއެއިޑް އިން ހަދިޔާކުރި ވެންޓިލޭޓަރުތައް ރާއްޖޭގެ 20 އަތޮޅެއްގެ ހޮސްޕިޓަލަށް ފޮނުވާނެ ކަމަށާއި މިއެހީ އަކީ ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ކޮވިޑަށްފަހު ވެސް ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކުގެ އައިސީޔޫ އެނދުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ވެސް މުހިއްމު ރޯލެއް ކުޅޭނެ އެހީއެއް ކަމަށެވެ.
މިއަދު ހަދިޔާކުރި 60 ވެންޓިލޭޓަރުގެ އިތުރުން އެމެރިކާއިން މިހާތަނަށް ވަނީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ހަތަރު މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. މީގެތެރޭގައި ހިލޭ އެހީގެ ގޮތުގައި ދިން ދެ މިލިއަން ޑޮލަރުގެ އެހީ ވެސް ހިމެނެއެވެ.