ޚަބަރު ސަރުކާރު

އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މަޝްވަރާތައް ބެޖާޔާ ކޯޕަރޭޝަނުގެ ވެރިޔާ އާއެކު ކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސްގެ އަރިހަށް ބެޖާޔާ ކޯޕަރޭޝަން ބެރްހާދުގެ ފައުންޑަ އަދި އެޑްވައިޒަރު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ގިނަ މަޝްވަރާތަކެއް ކުރެއްވި / ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅުންހުރި މައުލޫމާތު ބެޖާޔާ ކޯޕަރޭޝަން ބެރްހާދުގެ ފައުންޑަ އަދި އެޑްވައިޒަރާ ހިއްސާކުރައްވައި، ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

Ads by STELCO

އެ މަޝްވަރާތައް ކުރައްވާފައި ވަނީ މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ބެޖާޔާ ކޯޕަރޭޝަން ބެރްހާދުގެ ފައުންޑަ އަދި އެޑްވައިޒަރު ޓެން ސްރި ދާތޯ ސެރި ވިންސެންޓް ޓެން ޗީ ޔިއުން ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކަށާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށެވެ. ރައީސް ވަނީ ރާއްޖެ އާ މެދު ޓެން ފާޅުކުރެއްވި ޝައުގުވެރި ކަމަށް މަރުހަބާ ވިދާޅުވެ، އިންވެސްޓް ކުރުމަށް ހިތްވަރު ދެއްވާފައި ކަމަށެވެ.

ބައްދަލުކުރެއްވުމުގައި ޓެން ވަނީ އެ ގްރޫޕުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވައި ރާއްޖެ ހިމެނޭހެން ކުންފުނީގެ އިންވެސްޓްމަންޓުތައް ފުޅާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނި ގޮތުގައި ރައީސް ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަކީ އެއްބާރުލުން ދިނުމުގައި ފުޅާ ފުރުސަތުތަކެއް ފަހިވެފައިވާ މުހިންމު ދާއިރާއެއް ގޮތުގައި ފާހަގަކުރައްވާފައި ކަމުގަ އެވެ.

ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން ވަނީ ވިޔަފާރި ކުރުމަށް ހުރި ލުއި ގޮތްތަކާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާ އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކަށް އަލިއަޅުއްވާލައްވާފައިވާ ކަމުގަ އެވެ. އަދި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ވަރުގަދަ ނިޒާމާއި އެކި ސަރަހައްދުތަކުގައި ހުރި ކަމާ ގުޅޭ އުމްރާނީ ތަރައްގީގެ ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމުގަ އެވެ. އޭގެ އިތުރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ވެސް މިނިސްޓަރުން ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓެން އާއެކު ބެޖާޔާ ކޯޕަރޭޝަން ބެރްހާދުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސައެދު އަލީ ޝާހުލް ހަމީދުގެ އިތުރުން ފައުންޑަ، އެޑްވައިޒަ އެންޑް ޑިރެކްޓަ އޮފް ބިޒްނަސް ޑިވެލޮޕްމަންޓުގެ އެގްޒެކެޓިވް އެސިސްޓެންޓް މައުރިސް ޑޭނިއަލް ޗެން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by Allied Insurance