ބޭނުން ކޮށްފައިހުރި ކޮންޑަމް ސާފުކޮށް އަލުން ވިއްކަމުން ދަނިކޮށް ފުލުހުން އަތުލައިގެންފި

ވިއެޓްނާމް: ބޭނުންކޮށްފައި ހުރި ކޮންޑަމް ، ސާފުކޮށް އަލުން ޕެކްކޮށް ވިޔަފާރި ކުރަމުން ދަނިކޮށް ފުލުހުން އަތުލައިގެންފިއެވެ.
ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވިޔަފާރި ހިނގަމުން ދިޔައީ ދެކުނު ވިއެޓްނާމުގެ ބިން ޑުއޮންގް ކިޔާ ސަރަހައްދެއްގައެވެ. ކޮންޑަމް އަލުން ސާފުކޮށް ޕެކް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އެ ސަރަހައްދުގެ ގުދަނެއްގައި ކަމަށާއި އެ ވިޔަފާރީގައި އިސްކޮށް ހުރީ އެ ގުދަނުގެ ވެރިޔާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ.

ބޭރުގެ މީޑިއާތައް ބުނެފައިވާ ގޮތުގައި އެ ގުދަނުގެ ވެރިމީހާއަކީ 33 އަހަރުގެ އަންހެނެއް ކަމަށްވާ "ތީ ތަންހް" ކިޔާ މީހެކެވެ. މިހާރު ފުލުހުންގެ ހައްޔަރުގައި ހުރި މި މީހާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ ބޭނުން ކޮށްފައި ހުރި ކޮންޑަމް މީހަކު ދިޔައީ އޭނާއަށް ގަވާއިދުން ސަޕްލައި ކޮށްދެމުން ކަމަށެވެ.
މި ވިޔަފާރި ހުއްޓުވުމަށް ވިއެޓްނާމް ފުލުހުން ހިންގި އޮޕަރޭޝަނުގައި ސާފުކޮށްގެން އަލުން ވިއްކުމަށް ތައްޔާރުކޮށްފައިވާ 324،000 ކޮންޑަމް އަތުލައިގެންފައި ވެއެވެ. މި ތަކެތީގެ ބަރުދަނުގައި 360 ކިލޯ ހުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.