ޚަބަރު ސިޔާސީ

އަދާލަތާ ގުޅިވަޑައިގެން އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ޝަހީމް ނިންމަވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އަދާލަތު ޕާޓީ އާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.

Ads by MPL

ޝަހީމް އެކަން ރަސްމީކޮށް އިއުލާނު ކުރައްވާފައި ވަނީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

އަދާލަތު ޕާޓީގެ ފަރާތުން އެންމެ ފުރަތަމަ އޭނާ ކެބިނެޓަށް ހުވާކުރެއްވި ދުވަހުގެ ފޮޓޯއަކާ އެކު ކުރެއްވި ޕޯސްޓުގައި ޝަހީމް ވިދާޅުވީ އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި އަދާލަތު ޕާޓީ އާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެެވެ.

"މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން،" ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. 

އިސްލާމިކް މިނިސްޓަރުގެ މަގާމަށް އެންމެ ފުރަތަމަ ޝަހީމް އައްޔަންކުރައްވާފައި ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ މަގާމަށް އޭނާ އައްޔަންކުރައްވާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ޝަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. ދެ ވަނަ ދައުރަކަށް ޔާމީން ވާދަކުރެއްވިއިރު، ރަނިންމޭޓެއްގެ ގޮތުގައި ހިޔާރުކުރެއްވީ ޝަހީމެވެ.

ރިޔާސީ އިންތިހާބުން ކުރިމަތިވި ނާކާމިޔާބީ އާއެކު ސިޔާސީ ހަރަކާތްތަކުން ޝަހީމް ދުރަށް ޖެހިވަޑައިގެންނެވި އެވެ. އެފަހުން އޭނާ ހުންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމުގަ އެވެ. މަގާމުގައި ހުންނެވުމަށް ފަހު އެނބުރި ވަޑައިގެން، އޭރުގެ އިދިކޮޅު ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވެންދެން އޭނާ ހުންނެވީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.

މިއީ ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާކުރައްވާ ތިން ވަނަ ސަރުކާރެވެ. މިނިސްޓަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހު އައްޔަންކުރެއްވި ނަމަވެސް ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ދިގު ދެންމުމަށް ފަހު، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ރުހުންދިން މިނިސްޓަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންފައެއް ނުވެ އެވެ. އެހެންނަމަވެސް ރައީސް ވަނީ އެ ދުވަހު އަލުން މިނިސްޓަރު ކަމަށް ޝަހީމް އައްޔަންކުރައްވާފަ އެވެ.

އަދާލަތާ އަލުން ގުޅިވަޑައިގަތުމަށް ޝަހީމް ނިންމެވުމުން އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ އިލްމުވެރިން ގެންދަވަނީ މަރުހަބާ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާން އާއި އިލްމުވެރިންގެ މަޖިލިހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން އަދި އެ މަޖިލިހުގެ މެމްބަރު ޝައިހް ހުސައިން އަންސާރު އާއި ޝައިހް މުހައްމަދު އަނިލްގެ އިތުރުން އެ ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޖަސްޓިސް ޑރ. މުހައްމަދު އިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.

އަދާލަތު ޕާޓީއަކީ މި ސަރުކާރު ފިޔަވައި މީގެކުރިން އުފެދުނު ކޮންމެ ސަރުކާރެއްގައި ވެސް ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ހިއްސާވި ޕާޓީއެކެވެ. ކުރީގެ ރައީސް މުހަައްމަދު ނަޝީދާއި ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން ކޯލިޝަނުން ވަކިވި ނަމަވެސް އެމްޑީޕީގެ މިދިޔަ ވެރިކަމުގެ ދައުރު ނިމެންދެން ވެސް އަދާލަތުން އެއްގޮތެއްގައި ދެމިއޮތެވެ. ދެ ވަނަ ދައުރަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވިއިރު، އަދާލަތުން މަސައްކަތް ކޮށްފައި ވަނީ އެމްޑީޕީ އާއެކުގަ އެވެ.

Ads by Allied Insurance