ނެއްލައިދޫގެ އިހުތިސާސްގެ ތެރޭގައި ހިރިނައިދޫ ހިމަނައިފި

ހދ. ނެއްލައިދޫ ރައްޔިތުންނަށް އިގުތިސާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ "ހިރިނައިދޫ"، ނެއްލައިދޫގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައިސް މުއިއްޒު އެގޮތަށް ކަނޑައެޅުއްވީ މިއަދު ނެރުއްވި ގަރާރަކުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެ ގަރާރުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހދ. "ހިރިނައިދޫ" އެ އަތޮޅުގެ "ނެއްލައިދޫ" ގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ.
ނެއްލައިދޫ ރައްޔިތުންނަށް އިގުތިސާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައި ދެއްވާނެކަމުގައި ރައީސް މުއިއްޒު އިއުލާންކުރެއްވީ 25 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
