އެއްލައްކަ ފަންސާސް ހާސް ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި، ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށް ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި'' ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު ކ. ހިންމަފުށިންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަން ކުރިއަށްދާއިރު، މިދިޔަ ފެބްރުއަރީ މަހު މާލެ ސަރަހައްދުގައި އެ އޮޕަރޭޝަން ފަށައި އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގައި ބަޔޯ މެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް ކަމަށެވެ. މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި، ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށެވެ.
"150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި، ޑޭޓާބޭސް އަދާހަމަކުރެވިފައި. މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން!" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރުގެ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާ މެދު ވިސްނާލަން ޖެހޭ ކަމުގަ އެވެ. ގަވާއިދާ ހިލާފަށް އުޅެމުން މަސައްކަތް ކުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހުންގެ އަސާސީ އިންސާނީ ހައްގުތައް ވެސް ނިގުޅައިގަނެވިފައިވާ ކަމުގަ އެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ މަސައްކަތްތެރިން ދެނެގަނެވޭނެ ބަޔޯމެޓްރިކަލް ނިޒާމެއް ގާއިމުކުރުން ކަމުގައި ފާހަގަކުރެއްވި އެވެ.
"މި ކަމަށް ޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީ ވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތޯބުގައި ވެސް ރައީސް ވަނީ ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ވަނީ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ މިދިޔަ މަހުގެ 15 ވަނަ ދުވަހަށް އަޕްޑޭޓްކުރަން އަންގާފަ އެވެ. އެ ދުވަހާ ހަމައަށް މައުލޫމާތު އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް، މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.