ޑްރަގު ވިޔަފާރިން ހޯދި ކަމަށް ބެލެވޭ 40،000ރ. އާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދި ކަމަށް ތުހުމަތު ކުރެވޭ 40،000 އަށް ވުރެ ގިނަ ރުފިޔާ އާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާ އަދި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ 6:52 އެހާކަންހާއިރު، ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވުމަށް ފަހުގައި ކަމަށް ފުލުހުން ބުންޏެވެ.
ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކުރީ ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ، އަލީ އަބްދުﷲ (48އ) އާއި އުނިމާގެ، ދ. ކުޑަހުވަދޫ، އަމާނަތު ޖަލީލް (28އ) އެވެ.

އެ މީހުންނާއި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ފެނުނު ފައިސާ އާއި މަސްތުވާތަކެއްޗާ އަދި މަނާ ބޭސް / ފޮޓޯ:ފުލުހުން
ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށް، އެ ދެ މީހުންނާއި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިމެނޭ ކަމުގަ އެވެ.
އޭގެ އިތުރުން ދެ މީހުންގެ އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40,515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމުގަ އެވެ. އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
