ޔާސްމީނާ ގުޅޭގޮތުން ދައުރުކުރަނީ ފޭކް ސްކްރީންޝޮޓެއް: އާޒިމާ

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ރޭ ބޭއްވި މުޒާހަރާގައި ހިނގައިދިޔަ ކަންކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވި ކަމަށް ބުނެ، ދައުރު ކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށް އެ އާއިލާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ޔުމްނުއަށް އިންސާފު ނުލިބޭ ކަމަށް ބުނެ، "ދުލެއް ނުކުރާނަން" ގެ ނަމުގައި ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުން އަންނައިރު، ރޭ ކުރިއަށް ދިޔަ މުޒާހަރާ 12 ޖަހަން އުޅެނިކޮށް ބާރުގެ ބޭނުންކޮށް ވަނީ ރޫޅާލާފަ އެވެ.
މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ފުލުހުންނާއި ޒުވާނުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ. ފުލުހުން ވަނީ ޒުވާނުން ބޭނުން ކުރަމުން ދިޔަ އަޑުގަދަކުރާ ފަދަ ތަކެތި އަތުލައިގަނެ، މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނަކު ހައްޔަރު ވެސް ކޮށްފަ އެވެ.
މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރީ އަބްދުﷲ މަހްޒޫމް މާޖިދާއި އާއިޝަތު ޝިމަން އަހްމަދެވެ. ފުލުހުން ބުނީ މަހްޒޫމް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން މުޒާހަރާ ރޫޅާލީ ރަނގަޅަށް ކަމަށް ވިދާޅުވެ، އެ މުޒާހަރާއިން ހައްޔަރުކުރި ޒުވާނަކަށް މަލާމާތް ރައްދުވާ ގޮތަށް ޔާސްމީން އިންސްޓަގްރާމުގައި ކުރެއްވި ކަމަށް ބުނާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ކުރީގެ ބަންޑާރަ ނައިބު އާޒިމާ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާއިން ހައްޔަރު ޒުވާނަކާ ގުޅޭގޮތުން އިންސްޓަގްރާމުގައި ޔާސްމީން ޕޯސްޓެއް ކުރެއްވި ކަމަށް ބުނެ ދައުރުކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށެވެ.
ރައީސްގެ އާއިލާއިން ވަނީ ޔާސްމީނާ ގުޅޭގޮތުން އާންމުންނަށް އޮޅޭގޮތަށް ދޮގު މައުލޫމާތު ފެތުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ގޮވާލާފަ އެވެ.
ޔާސްމީނާ ދެކޮޅަށް ދޮގު މައުލޫމާތު ނުފެތުރުމަށް އެދުނުއިރު، ރައީސްގެ ދެކަނބަލުންގެ ދަރިކަލަކަށް ތުހުމަތުކޮށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލުގެ އިތުރުން ޕާޓީ އާ ދެކޮޅަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ވަނީ ދައުވާ އުފުލާފަ އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައިވާތީ އެވެ. މައްސަލައިގައި މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒުގެ މައްޗަށް ވަކިވަކިން ދައުވާ ހުށަހަޅާފަ އެވެ.
މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒުގެ މައްޗަށް ވަކިވަކިން ދައުވާ ކުރަން ފެމިލީ ކޯޓަށް ވެސް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އެއީ ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމުގެ ގާނޫނުގެ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ އެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަށާފަ އެވެ. އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
