ޚަބަރު

ހުއްދަ ނުހޯދައި މާލޭގައި އެއްވެވޭނެ އިތުރު ތިން ތަން ކަނޑައަޅައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުން މުޒާހަރާއެއް / ފޮޓޯ:އެމްޑީޕީ

ކުރިއާލާ ހުއްދަ ހޯދުމަކާ ނުލައި މާލޭގައި އެއްވެވޭނެ އިތުރު ތިން ތަނެއް ހޯމް މިނިސްޓްރީން މިރޭ ކަނޑައަޅައިފި އެވެ.

Ads by STELCO

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން މާލޭގައި މި ގޮތަށް އެއްވެވޭނެ ގޮތަށް ހަމަޖައްސާފައިވަނީ ހެންވޭރުގެ ކާނިވާ ސަރަހައްދު އެކަންޏެވެ.

މިރޭ ހޯމް މިނިސްޓްރީން އިއުލާންކުރި ގޮތުގައި އެއްވެވޭނެ ތަންތަނުގެ ގޮތުގައި އިތުރަށް ކަނޑައެޅީ

  • ރަސްފަންނު ސަރަހައްދު
  • މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
  • އުސްފަސްގަނޑު ސަރަހައްދު

މިއީ މާލޭގައި މުޒާހަރާތައް ގިނަ ދުވަސްވަރެކެވެ. ކޮންމެ ރެއަކު އިދިކޮޅު އެމްޑީޕީގެ ހަރަކާތްތެރިން ދަނީ މަގުމައްޗަށް ނުކުމެ ހިނގަމުންނެވެ.

ޓެކްސީ ޑްރައިވަރުން ވެސް މި ފަހުން ނުކުމެ އުޅެ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގެކޮޅު ކައިރީގައި ވެސް ޓެކްސީ ޑްރައިވަރުން މުޒާހަރާކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ ހެންވޭރުގައި ހުންނަ އިމާރާތަކުން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އިންސާފު ގާއިމުކުރުމަށް، މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ޒުވާނުން ނުކުމެ މުޒާހަރާ ކުރާތާ ވެސް 10 ރޭ ވެއްޖެ އެވެ.

ސިލްސިލާކޮށް ސުލްހަވެރިކަމާ އެކު ޒުވާނުން މުޒާހަރާ ކުރަމުން ދަނިކޮށް ރޭ ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ކިޔަމަން ނުވި ކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރު ވެސް ކޮށްފަ އެވެ.

މި މައްސަލަ ހޫނުވީ އެ ރޭގައި ޔުމްނު، މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅުގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔައިރު ގޭގެ ނަމާއި ޕާޓީގައި އުޅުނު މީހުންގެ ނަން ފުލުހުން ފުރަތަމަ ހާމަނުކުރުމުންނެވެ.

ފަހުން ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން އާންމުކުރި އިރު އޭގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުން އަދި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ހިމެނެ އެވެ.

ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނަނީ އެ ކަމާ ގުޅުވަ އެވެ. ނަމަވެސް ޕާޓީ އޮތް ވަގުތު އަމީން ރާއްޖޭގައި ނޫޅުއްވާ ކަމަށާއި ޕާޓީ އޮތް އެޕާޓްމަންޓަކީ ސީދާ އަމީނާ ގުޅުން ހުރި ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ފުލުހަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވަ އެވެ.