ޓޭންކަރުތައް ހޯދީ ހަނގުރާމައަކަށް ނިކުންނާކަށް ނޫން: ރައީސް

ރާއްޖޭގެ އަސްކަރިއްޔާ އަށް ބޮޑު އަގުގައި ޓެންކަރުތައް ހޯދީ ހަނގުރާމައަށް ނިކުތުމުގެ ނިޔަތުގައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫއޭއީ އިން ރާއްޖެ އަށް އަލަށް 5 ޓޭންކަރު ވަނީ ދާދި ފަހުން ގެނެސްފަ އެވެ. މިދިޔަ މަހު ބޭއްވި ސިފައިންގެ ދުވަހު އެ އުޅަނދުތައް ވަނީ ދައްކާލާފަ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ކެޕޭސިޓީ ބިލްޑު ނުކޮށް، އަޅާނުލެވި އޮންނަތާ 25 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ.
ރައީސް ސިފަަކުރެއްވި ގޮތުގައި އަސްކަރިއްޔާގެ ހާލަތު އޮތީ ލަދުގަންނަން ޖެހޭ ހިސާބަށް ގޮސްފަ އެވެ. އެހެންވެ ކެޕޭސިޓީ ވަރުގަދަކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، މި ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.
އެހެންވީމަ އަޅުގަނޑުމެން މެރިންކޯއަށް ކެޕޭސިޓީ ބިލްޑުކުރަން މި ފެށީ، އެއްގޮތަކަށްވެސް ޓޭންކަރުތައް ހޯދީ ހަނގުރާމަ އަށް ނިކުންނާކަށް ނޫން
އެ ޕްރެސްގައި ރައީސް ވިދާޅުވީ ފަޔާ އެންޑް ރެސްކިއު ސާވީސް އާއި ކޯސްޓުގާޑުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކޯސްޓުގާޑުގެ ކެޕޭސިޓީ ކޮންމެހެންވެސް އިތުރުކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.