ޚަބަރު ރައްޔިތުންގެ މަޖިލިސް

ފުޅާކޮށް ފައިބަރު މަސައްކަތް ކުރާއިރު ހިރިލަންދޫގައި ރައްކާތެރިކަން ނެތަތީ ކަންބޮޑުވަން: އަޝްރަގް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކިނބިދޫ ދާއިރާގެ މެމްބަރު އަޝްރަގް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ތ. ހިރިލަންދޫއަކީ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތްތައް ކުރަމުންދާ ރަށަކަށްވުމާ އެކު، ކަމާ ގުޅިގެން ރަށުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލިހުގެ ކިނބިދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަލީ އަޝްރަގް ފާޅުކުރައްވައިފި އެވެ.

Ads by MPL

އަސްކަރީ އެއްބަސްވުންތައް ސަރުކާރަށް ހާމަނުކުރެވިގެން އުޅޭ ސަަބަބާ ގުޅޭގޮތުން މިއަދުގެ މަޖިލިހަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހާޒިރުކޮށް، މިނިސްޓަރާ ކުރެވުނު ސުވާލަށް ދެއްވި ޖަވާބާ ގުޅިގެން އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި އަޝްރަގް ވިދާޅުވީ ތ. އަތޮޅަކީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް ގާއިމުކުރެވިފައި ނުވާ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެއް ކަމަށެވެ. ވުމާ އެ ހިދުމަތް އަތޮޅުގައި ގާއިމުކުރެވޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލު ކުރެއްވި އެވެ.

އޭގެ އިތުރުން އޭނާގެ ދާއިރާގައި ހިމެނޭ ރަށްތަކުގެ ތެރެއިން ހިރިލަންދޫއަކީ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތް ކުރަމުންދާ ރަށެއްކަން ފާހަގަކުރައްވާ އަޝްރަގް ވަނީ އެކަމަށް ހާއްސަކޮށް އެ ރަށުން ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި ނުވާތީ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އަދި އަޅުގަނޑު ފާހަގަކޮށްލަން، އަޅުގަނޑުގެ ދާއިރާ ހިރިލަންދޫއަކީ ވަރަށް ގިނަ އިންޑަސްޓްރިއަލް މަސައްކަތް ކުރެވެމުންދާ ރަށެއް. އެ ރަށުގައި ފަޔާ އެންޑް ރެސްކިއު ސާވިސް އަދި ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅިފައެއް ނެތް. މިއީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. އެހެންވެ އެކަން ފާހަގަކޮށްލަން،" އަޝްރަގް ވިދާޅުވި އެވެ.

އަޝްރަގުގެ ސުވާލުތަކުގެ ޖަވާބުގައި ޣައްސާން ވިދާޅުވި ގޮތުގައި އެ އަތޮޅު ވޭމަންޑޫގައި ފަޔާ އެންޑް ރެސްކިއު ސާވިސްގެ މަސައްކަތްކުރާ މީހުން މިހާރު ތިބޭނެ ކަމުގަ އެވެ. އެ ރަށުގައި އެ މީހުން ތިބީ ރަށު ކައުންސިލާ ގުޅިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިމާރާތެއް ކުއްޔަށް ހިފައިގެން ކަމުގަ އެވެ. މަސައްކަތް ކުުރުމަށް ބޭނުންވާ މަރުކަޒެއް އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގަ އެވެ.

އޭގެ އިތުރުން އެ އަތޮޅުގެ އަނެއް ބިތުގައި އޮންނަ ދިޔަމިގިލީގައި ވެސް ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ކޯސްޓްގާޑުގެ ހިދުމަތް ލިބޭނެ ގޮތަށް އިމާރާތެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Ads by HDC