ޚަބަރު ސަރުކާރު

ހުރިހާ ފުރުސަތަކާއި ހައްގުތަކެއް ތެލެސީމިއާ ކުދިންނަށް ދެވޭކަން ސާބިތުކޮށްދޭން ޖެހޭ: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ތަނުގައި މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް ބައްލަވާލެއްވުން / ފޮޓޯ:ރައީސް އޮފީސް

މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއް ތެލެސީމިއާ ކުދިންނަށް ފުރިހަމައަށް ލިބިދެވޭކަން އަމަލާއި ބަހުން އެންމެން ވެސް ސާބިތުކޮށްދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

އެމަނިކުފާނު އެހެން ވިދާޅުވީ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ފޮނުއްވި ހިތޯބުގަ އެވެ.

ރައީސް ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދިންގެ އިންސައްތަ އެންމެ މަތި އެއް ގައުމަކީ ރާއްޖެ ކަމަށެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުސަތު އޮތް ކެރިއަރެެއް ކަމަށެވެ. އެހެންކަމުން ތެލެސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ފާހަގަކުރެއްވި އެވެ.

ރަށްރަށުގައި ތެލެސީމިއާ ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުމެ ދުވާލާއި ރޭގަނޑު ވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެ ކަމަށާއި ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި އެ ކުދިންނަށް ގަވާއިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަކީ ކަމާ ބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމައެކަނި ފަރުވާއެއް ނޫނެވެ. އެ ކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި އުނގަންނައިދިނުމާއި އާމްދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއް ވެސް އެ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހެ އެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތެލެސީމިއާ ކުދިންނަށް ޓަކައި އެމަނިކުފާނު ހާމަކުރެއްވި ތަސައްވުރާއި ވީ ވައުދުފުޅުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގަ އެވެ. ތެލެސީމިއާ ކުދިންނާއި އާއިލާތަކާއި ސީދާ ބައްދަލުވެވަޑައިގެން، އަޑުއައްސަވައި އަދި އެ ކުދިންނަށް ފަރުވާ ދޭ ގޮތް ދެކެވަޑައިގެންނެވުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައި އޮތް ކަންކަން ހަމަ މަގަށް އަޅުވަން ސަރުކާރުން ކުރާ މަސައްކަތުން ކުދިންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދޭނެ ކަމުގައި ފާހަގަކުރެއްވި އެވެ.

ދިވެހިންނަކީ އިހްސާންތެރިކަމާއި އަޅާލުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައި ފާހަގަކުރައްވާ ރައީސް ވަނީ ތެލެސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އެ ކުދިންނަށް ލިބިފައިވާ ހުނަރުތައް ތަރައްގީކޮށް، އުންމީދާ އެކު ދިރިއުޅުން ބިނާކޮށްދިނުމުގަ އާއި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިހްސާސްތަކާ އެކު އެ ކުދިންނާ މުއާމަލާތު ކުރުމުގައި އަދި އެ ކުދިންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ މީހަކުމެ ސަރުކާރަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ތެލެސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދިންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އީޖާބީ ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަަމަށެވެ. ދިރިއުޅުމެއް ހޯދުމަށް އެ ކުދިން އުފުލާ ބުރަ ލުއިކޮށްދިނުމަށް ކުރާ ކޮންމެ ކަމަކީ ސަވާބު ލިބެނިވި ހެޔޮ އަމަލެއް ކަމުގައި ފާހަގަކުރެއްވި އެވެ.

"އެ ކުދީންގެ ފުރާނައިގެ ހައްގުގައި އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲ ގެ ހަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވެ އެވެ. އެ ކުދީންނަށް ޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ދުއާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަހްމަތް، ދުނިޔެ އާއި އާހިރަތުގައި ލިބޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.