ޚަބަރު

އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު ހެލްތު މިނިސްޓްރީ އާ ހަވާލުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރުގައި ސިފައިން ލޭ ހަދިޔާކުރަނީ / ފޮޓޯ:އެމްއެންޑީއެފް

ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ ބިލްޑިންއަށް މާލޭގައި ހުރި ނޭޝަނަލް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީ އާ ހަވާލުކޮށްފި އެވެ.

Ads by MPL

ތެލެސީމިއާ ސެންޓަރުން ދެމުން އަންނަ ހިދުމަތްތަކާ ގުޅިގެން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސެންޓަރަށާ އަދި އެ ސެންޓަރު ބަދަލުކުުރުމުގެ މަސައްކަތްތައް ކުރަމުން ދިޔަ އޮރެންޖް ހިޔާއަށް މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ޒިޔާރަތްކުރައްވާފަ އެވެ.

އެފަހުން މާޗް މަހުގެ 27 ވަނަ ދުވަހު އެމަނިކުފާނު ވަނީ އޮރެންޖް ހިޔާގައި ހަދަމުން ދިޔަ ތެލެސީމިއާ ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސިފައިންނާ ހަވާލުކޮށްފައިވާކަން ހާމަކުރައްވާފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އެ ތަނުގެ މަސައްކަތުގެ ބޮޑު ބައެއް ނުނިމި ހުރުމާ އަދި މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުގެ ކޮންޓްރެކްޓް ވެސް ހަމަވާތީ މާޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެ ތަން ނިންމުމުގެ މަސައްކަތް، ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

ތަނުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ސިފައިންނަށް ދިނީ އެހާތަނަށް ކޮށްފައިވާ މަސައްކަތް އަގުކޮށް، ދޭން ޖެހޭ އެއްޗެއް އުސޫލުގެ ތެރެއިން މަސައްކަތްކުރި ފަރާތަށް ދިނުމަށް ފަހުގައިކަން ފާހަގަކުރެއްވި އެވެ. ސިފައިންނަކީ މީގެކުރިން ވެސް މިކަހަލަ ކިތަންމެ ކަމެއް ކޮށްފައި ތިބި ބަޔަކަށްވުމާ އެކު، އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވުނީ މަސައްކަތް އަވަހަށް ނިންމޭނީ ސިފައިންނާ ހަވާލުކުރުމުން ކަމުގައި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި މަސައްކަތް ހަވާލުކުރީ އެއް މަސް ދުވަހު ތެރޭގައި ނިންމާ ގޮތަށް ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ހުއްޓާނުލައި ރެޔާއި ދުވާލު މަސައްކަތް ކުރުމަށް ސިފައިންނަށް އަންގަވާފައިވާ ކަމުގަ އެވެ.

ފާހަގަކުރަމުންދާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ ކުރިން ތެލެސީމިއާ ސެންޓަރު، އޮރެންޖް ހިޔާ ބިލްޑިންއަށް ބަދަލު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު / ފޮޓޯ:އެމްއެންޑީއެފް

އެމްއެންޑީއެފުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރި ތެލެސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި މިއަދު ހެލްތު މިނިސްޓްރީ އާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވެފައި ވަނީ މިހާރު ހުރި ތެލެސީމިއާ ސެންޓަރަކީ ކުޑަ ތަނަކަށްވެފައި، މާހައުލު އޮންނަނީ ކުޑަކުދިންނާއި ޒުވާން ކުދިން އެންމެ ހިތްގައިމު ގޮތަކަށް ނޫން ކަމަށެވެ. އޮރެންޖް ހިޔާ މަރާމާތު ކުރެވޭއިރު، ތަނުގެ އިންޓީރިއާއަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައި ހުންނާނެކަން ފާހަގަކުރެއްވި އެވެ.

އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލު ކުރެވުމުން މާލޭގައި މިހާރު ދެމުން އަންނަ ހިދުމަތްތަކަށް ވުރެ ރަނގަޅަށް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން އެ ތަނަށް ޑީއެންއޭ ޓެސްޓް ކުރާނެ މެޝިންތައް ހޯދުމާއި އިތުރު ފްރިޖްތައް ހޯދުން ފަދަ މަސައްކަތްތައް ވެސް ހިނގަމުންދާ ކަމަށެވެ. އަދި ސާމްޕަލް ބަހައްޓާނެ ޖާގަ ވެސް ތަނުގައި ބޮޑުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Ads by Ooredoo