ޚަބަރު ސަރުކާރު

ތެލެސީމިއާ ސެންޓަރު މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސް ވަނަ އެޕިސޯޑުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ހުޅުމާލޭގައި އަލަށް ގާއިމްކުރި ތެލެސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވީސް (އެމްބީއެސް) މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

ތެލެސީމިއާ ސެންޓަރުން ދެމުން އަންނަ ހިދުމަތްތަކާ ގުޅިގެން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވަނީ އެ ސެންޓަރަށާ އަދި އެ ސެންޓަރު ބަދަލުކުުރުމުގެ މަސައްކަތްތައް ކުރަމުން ދިޔަ އޮރެންޖް ހިޔާއަށް މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ޒިޔާރަތްކުރައްވާފަ އެވެ.

އެފަހުން މާޗް މަހުގެ 27 ވަނަ ދުވަހު އެމަނިކުފާނު ވަނީ އޮރެންޖް ހިޔާގައި ހަދަމުން ދިޔަ ތެލެސީމިއާ ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސިފައިންނާ ހަވާލުކޮށްފައިވާކަން ހާމަކުރައްވާފަ އެވެ.

ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ ބިލްޑިންއަށް އެ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީ އާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ގެ މިއަދުގެ ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ސެންޓަރު ހިންގާ ގޮތަށް ނިންމެވީ ތެލެސީމިއާ ޕޭޝަންޓުންނަށް ދޭ ހިދުމަތް މިހާރަށްވުރެ ރަނގަޅު ކުރުމަށް ކަމަށެވެ.

''މާލެ ގްރޫޕްސް އޮފް ހޮސްޕިޓަލްގެ ދަށަށް މިތަން [ތެލެސީމިއާ ސެންޓަރު] ބަދަލުވީމަ، ވަރަށް ގިނަ ފައިދާތަކެއް އެބަކުރޭ ކުދިންނަށްވެސް [ތެލެސީމިއާ] އަދި ހިދުމަތްދޭ ފަރާތްތަކަށްވެސް ހިދުމަތް ދިނުމުގައިވެސް ކުރިއެރުންތަކެއް އެބަ ލިބޭ.... ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި އެންމެ މާލެ ގްރޫޕު އޮފް ހޮސްޕިޓަލުން އެކީގައި ހަވާލުވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް ވަސީލަތްތައް އިތުރުކުރުމަށް ބަޖެޓު ހަމަޖައްސައި ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. ނަރުހުން ހިމެނޭހެން މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ތެލެސީމިއާ ސެންޓަރު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު، އެތަން މިހާރު ހިންގަމުން ދަނީ ހެލްތު މިނިސްޓްރީގައި ހާއްސަކޮށްފައިވާ ޑިޕާޓްމެންޓަކުންނެވެ.

Ads by HDC