8th May 2025, Thursday

ޚަބަރު ސަރުކާރު

ވާނުވާ ބަންދުން ތިންބައިކުޅަ އެއްބައި މީހުން ޓެގް އަޅުވައި ދޫކޮށްލެވޭތޯ ބަލަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސް ވަނަ އެޕިސޯޑުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ "ވާނުވާ ބަންދު" ގައި 300 އަށް ވުރެ ގިނަ މީހުން ތިބިއިރު، އެ މީހުންގެ ތެރެއިން އެންމެ މަދުވެގެން ތިން ބައިކުޅަ އެއް ބައި މީހުންނަކީ އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމެއް ނުވަތަ އެފަދަ މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ދޫދެވޭ މީހުންނަށް ހެދުމަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް އެހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މެދުގައި އެއިރެއްގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ މިއަދުގެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ "ވާނުވާ ބަންދު" ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށެވެ. އެގޮތުން މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ގާބިލުކަން އިތުރުކުރަން ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގަ އާއި ވަސީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީއެއް ފޯރުކޮށްދިނުން ކަމުގައި ފާހަގަކުރެއްވި އެވެ.

ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާ އެކު އަވަހަށް ނިންމުމަކީ ޝަރުއީ ދާއިރާގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށާއި އެ ކަންކަން ކުރުމަށް ޝަރުއީ ދާއިރާއަށް ސަރުކާރުން މަގުފަހިކޮށްދެމުން ގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ހުޅުމާލޭގައި ތަރައްގީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅިން ނިމޭއިރު، ޝަރުއީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެ އާއެކު، އެއްފަހަރާ ގިނަ މައްސަލަތަކެއް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވިދާޅުވި އެވެ.

"ވާނުވާ ބަންދު" ގައި މިވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެ ތެރޭގައި އެބަތިބި ކަމަށާއި މިފަދަ ގޮތަކަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

"ވީހާވެސް ގިނަ މީހުން، ގާތްގަނޑަކަށް ތިން ބައިކުޅަ އެއް ބައިވަރު، ޓެގް އެޅުވޭނެތޯ ބަލަން އަޅުގަނޑު ވާނީ ފުލުހުންނާއި ޕީޖީ އާއި އޭޖީ އާ އެކީގައި މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައި،" ރައީސް ވިދާޅުވި އެވެ.

އެ އާއެކު ރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމުކުރެވިގެން ދިއުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިވަގުތު ގާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް އޮންނަނީ ހަނި ފުރުސަތެއް ކަމަށާއި މި މައްސަލައަށް ފުރިހަމަ ގޮތެއްގައި ވަށާ ޖެހޭ ހައްލެއް ގެނައުމަށް ކުރަން ޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި ފަރާތްތަކުގެ ކޭސްތައް ވަކިވަކިން ބެލުމަށް ވެސް ޕީޖީ އޮފީހަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި އޮތީ އަގުބޮޑު ކަފާލާތުގެ ނިޒާމެއް ކަމަށާއި އެ ގާބިލުކަން ހުރި ފަރާތްތަކަށް އެ ފުރުސަތު އޮތް ކަމުގައި ވިނަމަވެސް އެ ފުރުސަތު އޮންނަނީ ބޮޑެތި ނޫން ކުށްތަކަށް ކަމުގަ އެވެ. އަދި އެފަދަ ގޮތްގޮތަށް ދެވޭ ލުއިތަކުގައި ޖިންސީ ކުށުގެ ތުހުމަތުގައި، ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ތިބި ފަރާތްތަކަށް ލުއިދެވޭނެ ގޮތެއް ނޯންނާނެ ކަމުގައި ފާހަގަކުރެއްވި އެވެ.

"ވާނުވާ ބަންދު" ގެ މައްސަލަ އާ ގުޅޭ ދެ ފޯރަމެއް މި އަހަރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފުރަތަމަ ފޯރަމް ހާއްސަކުރީ ޝަރުއީ ދާއިރާ ފިޔަވާ މި ކަމުގައި ހިމެނޭ އެހެން ފަރާތްތަކަށެވެ. އަދި ދެ ވަނަ ފޯރަމް ކުރިއަށް ގެންދިޔައީ ޝަރުއީ ދާއިރާއަށް އަމާޒުކޮށްގެންނެވެ.

Ads by Ooredoo