Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހާލަތު ގޯސްވާނަމަ ޕާކިސްތާނުގައި ތިބި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނަން: ސަރުކާރު

ހާލަތު ގޯސްވާނަމަ ޕާކިސްތާނުގައި ތިބި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނަން: ސަރުކާރު

އިންޑިއާއާ ޕާކިސްތާނާ ދެމެދު މިހާރު ބަދަލުކުރަމުންދާ ހަމަލާތަކާއެކު ހާލަތު ގޯސްވާނަމަ އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މި މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން  ކަށަވަރުކުރުމަށްޓަކައި، މި މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާކަމަށް ވެސް ބުންޏެވެ.

Advertisement
Allied Insurance — Square (box)

"މިގޮތުން، ޕާކިސްތާނުގެ މަޝްރަހު  މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ  ޔަޤީންކަން އަރުވަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް