ޔުމްނުގެ ބަޔާން އަދި ނުނެގޭ: ޕޮލިސް

ހ. މިޓާޒު ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، ސުވާލު ކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެ ކަމަށް މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އޭނާ އާ ސުވާލު ކުރަން ބޭނުންވާ ކަމަށް ފުލުހުން ބުނެފި އެވެ.
ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނު ހޭއެރީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޔުމްނުގެ ދައްތަ ރޭ ލައިވް ވީޑިއޯއެއްގައި ވާހަކަ ދައްކަމުން ބުނީ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ ކަމަށެވެ.
ޔުމްނު އާ ހަވާލާދީ އޭނާގެ ދައްތަ ބުނެފައި ވަނީ އޭނާ ވެއްޓުނު ހ. ފެންޓެނޯއީއަކީ ޔުމްނު ދަންނަ ގެއެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ޔުމްނު ދޭތެރެއަކުން އެ ގެއަށްދާ ކަމަށާއި އެ ރޭ ދިޔައީ މައްސަލައިގެ ތުހުމަތުކުރާ ނުވަ މީހުންގެ ތެރޭގައި ހިމެނޭ ޔޫސުފް ޔައްސާރު އަބްދުއްގަފޫރުގެ ދައުވަތަކަށް ކަމަށް ބުނެފައިވެ އެވެ.
ޔައްސާރަކީ ފޮރިން މިނިސްޓްރީގެ ކުރީގެ ބައިލޭޓަރަލް ސެކްރެޓަރީ ހާލާ ހަމީދުގެ ދަރިފުޅެވެ.
ޔުމްނުގެ ދައްތަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުނީ އަމިއްލައަކަށް ނޫން ކަމަށް ބުނާ ކަމުގަ އެވެ. އޭނާ ވެއްޓުނުއިރު، ފުލުހުން އާންމުކުރި ފެންޓެނޯއީ ގޭގެ ސީސީޓީވީ ފުޓޭޖުތަކުން ފެނުނު ރައުދު އަހްމަދު ޒިލާލުގެ އިތުރުން ޔައްސާރު އަދި އިތުރު ދެ މީހުންނާ އެކު ޖުމްލަ ހަތަރު މީހުން ތިބި ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
އެއަށް ވުރެ އިތުރަށް ތަފުސީލުކޮށް އެ ވާހަކަ ކިޔައިދީފައެއް ނުވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެން ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
"ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާ އާ ސުވާލު ކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި އެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާ އާ ސުވާލު ކުރަން ބޭނުންވެ އެވެ." ފުލުހުންގެ މެސެޖުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މައްސަލައިގެ ތަހުގީގު މިހާރު ވެސް ހިނގަމުންދާ ކަމުގަ އެވެ. އެގޮތުން މައްސަލަ އާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރު ކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރި އެވެ.
ފެންްޓެނޯއީއަށް ރައުދު އާއެކު ދިޔުމުގެ ކުރިން ޔުމްނު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ.
މި މައްސަލަ ހޫނުވީ ފުލުހުން ހާދިސާގެ މައުލޫމާތު ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިން އިރު އަމީންގެ އާއިލީގެ މއ. މާންދޫދެކުނުގޭގެ ނަން ހާމަނުކުރުމުންނެވެ. އަދި ޕާޓީގައި ތިބި މީހުންގެ ވަނަވަރު ވެސް ސިއްރުކޮށް، އެ މީހުން ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހެދުމުން ފުލުހުން ފިޔަވަޅެއް ނޭޅުމުންނެވެ.
މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ޒުވާނުންތަކެއް އިސްނަގައިގެން "ދުލެއް ނުކުރާނަން" ގެ ނަމުގައި ކޮންމެ ރެއަކު މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތައް ފެށީ މަޖީދީ މަގު، ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހުންނަ ސަރަހައްދުން ނަމަވެސް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނޫން ގޮތަކަށް ހުއްދަ ނުހޯދާ މުޒާހަރާތައް ބާއްވާ ނަމަ ރޫޅާލާނެކަން އަންގާފައިވުމާ އެކު މިހާރު މުޒާހަރާތައް ކުރިއަށް ގެންދަނީ ކާނިވަލް ސަރަހައްދުގަ އެވެ.
ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލާފަ އެވެ.
