ސްކޮލަޝިޕް ސްކީމުގެ ދަށުން 55.5 މިލިއަން ރުފިޔާ ދޫކޮށްފި

ސްކޮލަޝިޕް ސްކީމުގެ ދަށުން މި އަހަރުގެ މިހާތަނަށް 55.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަން މިއަދު އެކްސްގައި ބުނީ ސްކޮލަޝިޕް ސްކީމުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 55.5 މިލިއަން ރުފިޔާ 751 ދަރިވަރަކަށް ދޫކޮށްފައިވާ ކަމަށެވެ.
އަދި އޭގެ ތެރެއިން 34 ދަރިވަރުން ކިޔެވުން ފުރިހަމަކޮށްފައިވާ އިރު އަދިވެސް 717 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރި ފައިސާގެ ތެރެއިން 51.7 މިލިއަން ރުފިޔާ ދޫކުރީ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ސްކީމުގެ ދަށުން ނެވެ. އެގޮތުން މި އަހަރުގެ އޭޕްރީލްގެ ނިޔަަލަށް 8327 ދަރިވަރުންނަށް ފަސްޓް ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވަނީ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި ނަގަމުން އައި އެއް ޕަސެންޓްވެސް އުވާލައިފަ އެވެ.
ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލީ ނިމިގެން ދިޔަ ސަރުކާރުގަ އެވެ.
އެ ފުރުސަތުގެ ދަށުން ރާއްޖޭގައި މިހާރު ޑޮކްޓަރުކަން ވެސް ކިޔެވޭއިރު އިންޖިނިއަރިން ފަދަ ދާއިރާތަކުން ވެސް ދަރިވަރުން މިހާރު ދަނީ ހިލޭ ކިޔަވަމުން ނެވެ.
