ޚަބަރު

70 އަށްވުރެ ގިނަ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދެވިއްޖެ: މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް/ ފޮޓޯ: މިނިސްޓްރީ

'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމުގެ ތެރެއިން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 70 އަށްވުރެ ގިނަ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓަރު ޑރ އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ.

ޝިހާމް ވިދާޅުވީ ކުދިންގެ ހެދިބޮޑުވުމާއި، ޝަހްސިއްޔަތު ބިނާކުރުމާއި، އަހްލާގީ މިންގަނޑުތަކާއި، އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ އާއިލާގެ ލޯތްބާއި އަޅާލުން ލިބޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ، އާއިލީ މާހައުލެއް ކަމަށެވެ.

އަދި ކޮންމެކުއްޖަކީވެސް އާއިލީ މާހައުލެއްގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން، އާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން މި ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި "ކޮންމެ ކުއްޖަކަށް އާއިލާއެއް" ނަމުގައި ހާއްސަ ޕްރޮގްރާމެއް ފައްޓަވާފައިވާ ކަމަށާއި، މިއީ އާއިލާތަކުގެ ހާލަތު ބަދަލުކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން އާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް، ވަގުތީގޮތުން ވެސް ކުދިން ފޮސްޓަރކޮށް އާއިލާގައި ބެހެއްޓޭނެ ނިޒާމު ގާއިމުކޮށް، ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމަށް ކުރެވެންފެށި ވަރުގަދަ މަސައްކަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

ފޮސްޓަރިންގެ ތެރެއިންނާއި، ރީ-އިންޓަގްރޭޝަންގެ ތެރެއިން ދައުލަތުގެ ތިބި ކުދިންނަށް އާއިލީ ވެއްޓެއް ހޯދުމަށް މިނިސްޓްރީއިން މަސައްކަތްކުރަމުން ގެންދާ އެންމެ ބޮޑު ސަބަބަކީ ކުދިންގެ ހެދިބޮޑުވުމާއި ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅީ، އާއިލީ ގުޅުންތައް ތަޖުރިބާކުރެވޭނެ ރައްކާތެރި އާއިލީ ވެއްޓެއްގައި ކުދިން ހެދިބޮޑުވުމެވެ.

Ads by Allied Insurance