ޚަބަރު

ރާއްޖޭގައި ދެ އިންސައްތަ ކުދިން ދިިރިއުޅެނީ ބެލެނިވެރިއަކާ ނުލައި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ދެ އިންސައްތަ ކުދިން ދިރިއުޅެނީ ބެލެނިވެރިއަކާ ނުލައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by MPL

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންގެ އާބާދީއަކީ 134،863 އެވެ. އެ ކުދިންގެ ތެރެއިން އަތޮޅުތެރޭގައި 77،385 ކުދިން ދިރިއުޅޭއިރު، މާލެ ސަރަހައްދުގައި އުޅެނީ 53،769 ކުދިންނެވެ.

އެންމެފަހުން ބޭއްވި ބޯހިމެނުމުގައިވާ މައުލޫމާތާ ހަވާލާދީ އެމްބީއެސްއިން ބުނީ ކުޑަކުދިންގެ އާބާދީގެ 74 އިންސައްތަ ދިރިއުޅެމުން އަންނަނީ މައިންބަފައިންނާ އެކުގައި ކަމަށެވެ. އަދި 22 އިންސައްތަ ކުދިން އުޅެނީ މަންމަ ނުވަތަ ބައްޕަ އާ އެކުގައި ކަމަށެވެ. ބާކީ ދެ އިންސައްތަ ކުދިން ދިރިއުޅެމުން ދަނީ އެއްވެސް ބެލެނިވެރިއަކާ ނުލައި ކަމަށެވެ.

އަތޮޅުތެރޭގައި 0.9 އަދި 3.3 އިންސައްތަ އާ ދޭތެރޭގެ ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ދިރިއުޅެނީ ބެލެނިވެރިއަކާ ނުލައި ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންގެ އާބާދީގެ 91 އިންސައްތަ ކުދިންނަކީ ކިޔަވާ ކުދިންނެވެ. އެއީ 99،300 ކުދިންނެވެ. އަތޮޅުތެރޭގައި 60،439 ކުދިން ކިޔަވަމުންދާއިރު، މާލެ ސަރަހައްދުގައި ކިޔަވަނީ 38،861 ކުއްޖެކެވެ.

ހިސާބުތަކުން ދައްކާ ގޮތުން އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ އާބާދީއަކީ 17،651 އެކެވެ. އެ އުމުުރުފުރާގެ ގާތްގަނޑަކަށް ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކީ މަސައްކަތްތެރި ކަމުގައި ހަރަކާތްތެރިވާ ކުއްޖެެކެވެ.

މުޅި ރާއްޖޭގައި ގާތްގަނޑަކަށް 16 އިންސައްތަ ކުދިންނަކީ ކިޔަވަން ނުދާ، މަސައްކަތުގައި ހަރަކާތްތެރިނުވާ އަދި ތަމްރީނުގައި ހަރަކާތްތެރި ނުވާ ކުދިން ކަމުގައި ވެސް 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ފާހަގަކުރެވުނު މައުލޫމާތާ ހަވާލާދީ އެމްބީއެސްއިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!