ކްލިނިކެއްގެ މުވައްޒަފަކު ކުއްޖަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

ހުޅުމާލޭގައި ހުންނަ ކްލިނިކެއްގައި އެތަނުގެ މުވައްޒަފަކު އޯޓިސްޓިކު ކުއްޖަކަށް ހަމަލާދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެކަން ހިނގީ ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކުގަ އެވެ.
ފުލުހުން ބުނީ މި މަހުގެ ފަސް ވަނަ ދުވަހު ހިނގި އެ ހާދިސާ އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
އެ މައްސަލައިގައި ކްލިނިކުން ވެސް ވަނީ ޒިންމާ ނަގައި އަނިޔާކުރި މުވައްޒަފާއި އެތަނުގައި އެ ވަގުތު ހުރި އެހެން މުވައްޒަފެއްވެސް މަގާމުން ވަކިކޮށްފަ އެވެ.
އަދި ކްލިނިކު ވަގުތީ ގޮތުން ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ކްލިނިކުން އިތުރަށް ބުނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަންނަކަމެއް ނޫން ކަމަށާއި އަދި އެކަން ސަމާލުކަމަށް އައުމާއެކު ފުލުހުންނަށް މައްސަލަ ހުށަހަޅައި ސީސީޓިވީ ފުޓޭޖުވެސް ލަސްނުކޮށް ދިން ކަމަށެވެ.
އެ ވީޑިއޯ ފުޓޭޖު އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ އާންމުކޮށްފައިވާ އިރު އޭގެން ފެންނަގޮތުން އެ ކުއްޖާއަށް ހަމަލާ ދިނީ ކަތުރަކުން ނެވެ.
ހަމަލާގައި ކުއްޖާގެ އަތަށް ލިބިފައިވާ ޒަހަމްގެ ފޮޓޯއެއް ވެސް ބައްޕަ ވަނީ އާންމުކޮށްފަ އެވެ.
