ވަންދޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާނެ ތަނެއް ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފި

ތ. ވަންދޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާނެ ތަނެއް ގާއިމުކުރަން ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ މަސައްކަތް ވީ އަވާއާ ހަވާލުކުރީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 18.5 މިލިއަން ރުފިޔާ އަށެެވެ.
ވަންދޫގައި ނުރައްކާތެރި ކުނި ރައްކާާ ކުރާ ތަނެއް ހެދުމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް ތިމާވެއްޓާ ރައްޓެހި ގޮތުގައި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން ރައްކާކުރާނީ އެތަނުގައި ކަަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
އެއާއެކު މުއްދަތު ހަމަވާ ކެމިކަލްގެ ބާވަތްތައް، އީ-ވޭސްޓް، ފަތުރުވެރިކަން އަދި އިމާރާތްކުރުން ފަދަ ސިނާއަތްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ތިމާވެއްޓާ ރައްޓެހި އުސޫލުން ރައްކާކުރުމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
