މީގެކުރިން ނަރުހުންގެ އަގުވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ކުރާނަން: ރައީސް

ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނެ ކަމަށާއި ނަރުހުންގެ އަޑުއަހައި، ފައިދާހުރި ކަންކަމަށް އިސްކަންދީގެން ފަހިކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގަ އެވެ.
ރައީސް ވިދާޅުވީ "ނަރުސް" މި ނަމަކީ އޯގާތެރިކަން، އަޅައިލުން، ހިތްވަރު، މުރާލިކަން، ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ގަދަރުވެރި ނަމެއް ކަމަށެވެ. ނަރުހުންނަކީ ސިއްހީ ހިދުމަތުގެ ހިތް، ވިންދު ނުވަތަ މައިބަދަ ކަމުގައި ވެސް ސިފަކުރާ ކަމަށެވެ. ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވާލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރު ކަމަށާއި މުޅި ސިއްހީ ނިޒާމުގެ އެއްބައި އަނެއް ބަޔާއި ގުޅުވައިދޭ ބާރު ކަމުގައި ފާހަގަކުރެއްވި އެވެ.
"ކާމިޔާބުކަމާ އެކު ބޭސްފަރުވާދޭ ތަނެއްގެ ލޮލަކީ ވެސް، ކަންފަތަކީ ވެސް، ދަރުމަވެރި އަތަކީ ވެސް ނަރުހުންނެވެ. ބުއްދިވެރި ބަހެއްގައި "އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަތަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފި ނަމަ ތިޔައީ ނަރުހެއް ކަމުގައި" ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ހިދުމަތުގެ މަތިވެރި ކަމަށް ޓަކަ އެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ރާއްޖޭގައި ހިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި މިކަމުން ދޭހަވަނީ މިފަދަ ބުރަ ގައުމީ އަދި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރިން އަދާކުރާ އަގުހުރި ދައުރު ކަމުގަ އެވެ. ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ސިއްހީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާ ކަމުގަ އެވެ. ގައުމަށް ބޭނުންތެރި މި ހިދުމަތުގައި ދިވެހިންގެ ނިސްބަތް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ ނަރުހެއްގެ މަސައްކަތަކީ ވަށާޖެހި، އެތައް ކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. ބަލިމީހާ އާއި އާއިލާ އާއި ޑޮކްޓަރާ މުއާމަލާތު ކުރަމުން، ހާލުބަލަމުން، ބޭސްފަރުވާ ދެމުން، ބައެއް ހާލަތްތަކުގައި ބަލިމީހުންނަށް ކާންދީ، ތާހިރުކުރަން ޖެހޭ ކަމަށެވެ. ދުނިޔެއަށް އަލަށް ލޯހުޅުވާލާ ތުއްތު ކުއްޖާ އާއި ދުނިޔެ ދޫކޮށް ލޯމަރާލާ މީހާގެ ގާތުގައި ވެސް ހިދުމަތުގައި ހުންނަން ޖެހޭ ކަމަށެވެ.
ވަކި އުމުރެއް، ވަކި ގިންތިއެއް ފަންތިއެއް، ވަކި މިޒާޖެއް ތަފާތު ކުރުމެއް ނެތި، ކުލުނާއި އެހީތެރިކަމާއި ހިތްތިރިކަމާ އެކު ނަރުހަކު ހިދުމަތް ކުރަނީ އަމިއްލަ އާއިލާ އާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލު ކަމެއް ބަލިމީހާއަށް ދީގެން ކަމުގައި ފާހަގަކުރެއްވި އެވެ.
"އެހެންކަމުން، ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން މި އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނަމެވެ. ނަރުހުންގެ އަޑުއަހައި އިޖާބަދޭނަމެވެ. އިރާދަކުރެއްވިއްޔާ، ނަރުހުންނަށް ފައިދާހުރި އެތައް ކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނަމެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބައްޔަކަށް، އުނދަގުލަކަށް ފަރުވާ ހޯދަމުންދާ މީހެއްގެ އާއިލާއަކީ، ދުނިޔެއަކީ، މިތުރުންނަކީ ވެސް ނަރުހުން ކަމުގަ އެވެ. ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ، އިހްސާންތެރިކަމާއި ރަޙުމާ އެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުން ކަމުގަ އެވެ. ނަރުހުންގެ ހިދުމަތަކީ، ދެވޭ މުސާރައަކަށް ވުރެ، އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުއާ، އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއް ކަމުގަ އެވެ.
ނަރުހުންގެ އަގުހުރި ގައުމީ ހިދުމަތަށް ބަސްތަކަކުން، ލަފުޒުތަކަކުން، ތައުބީރުކުރުންތަކަކުން ޝުކުރު އަދާ ނުކުރެވޭނެ ކަމުގަ އެވެ. ވަރުބަލިވުމެއް ނެތި ކުރާ ހިންމަތާއި މިންނަތަށް، ކުއްލި ހާލަތްތަކާއި ބޮޑެތި ބަލިތަކާއި ވަބާތައް ބޯމަތިވެގެން އަންނައިރު، ހިދުމަތުގެ ކުރީ ސަފުގައި ދައްކާ ސާބިތުކަމުގެ އަގު އަދާ ނުކުރެވޭނެ ކަމުގައި ވެސް ރައީސްގެ ހިތޯބު ނިންމަވާލައްވަމުން ފާހަގަކުރެއްވި އެވެ.
