އާރުޑީސީއަށް ތާރު އެޅޭނެ، ބޭނުންވާ މެނިޝަރީޒް ހޯދާއިދޭނަން: މިނިސްޓަރު

ތާރު އެޅުމުގެ ފަންނީ ގާބިލުކަން އާރުޑީސީގެ އެބަހުރިކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ތ. ތިމަރަފުށީގައި ތާރު އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތް މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވީ އެ މަސައްކަތް ހަވާލުކުރި އާރުޑީސީން އެކަން އިންޑިއާގެ ކުންފުންޏަކާ ސަބް ކޮންޓްރެކްޓް ކުރި ކަމަށާއި ނަމަވެސް އެ ކުންފުނިން މަސައްކަތް ނުކުރާތީ އާރުޑީސީން އެ މަސައްކަތް އާާރުޑީސީން ކޮންމެވެސް ވަރަކަށް ފެށި ކަމަށެވެ.
އެކަމަކު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ އާރުޑީސީގެ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާރުޑީސީގެ ކެޕޭސިޓީ ނެތްއިރުވެސް އެފަދަ މަޝްރޫއުތައް ހަވާލުކުރާތީ އަމާޒުުވި ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓަރު ފަހުން މިއަދު ހަވީރު ވިދާޅުވީ އާރުޑީސީ އަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދާ އަދި އެކަމުގެ ފަންނީ ޤާބިލްކަން ހުރި ކުންފުންޏެއް ކަމަށެވެ.
"އެހެން ނަމަވެސް ތާރު އެޅުމުގެ މަސައްކަތް މެޝިނަރީޒްގެ ދަތިކަމާއެކު މިހާތަނަށް ކޮށްފައިވަނީ ސަބް ކޮންޓްރެކްޓްކޮށްގެން. ސަރުކާރުން މަސައްކަތް ކުރަނީ ތާރުއެޅުމަށް ބޭނުންވާ މެޝިނަރީޒް އާރުޑީސީއަށް ހޯދާދީގެން އެކުންފުނިން ތާރުއެޅުމުގެ މަސައްކަތްވެސް ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
