ޚަބަރު ރައްޔިތުންގެ މަޖިލިސް

ބުޅަލަކަށް ދުވާލަކު 368 ރުފިޔާ ހަރަދުވޭ، ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ހޭދަވާނެ: މާރިޔާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ޖަލްސާގައި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ / ފޮޓޯ:މަޖިލިސް

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ދިރިއުޅެމުންދާ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރި ބުޅާ ފެސިލިޓީ ނުވަތަ އޮޅުހިޔާގައި ބަލަހައްޓާ ކޮންމެ ބުޅަލަކަށް ދުވާލަކު 368 ރުފިޔާ ހަރަދުވާނެ ކަމަށާއި ތަނުގައި 2،000 ބުޅާ ބަލަހައްޓާ ނަމަ އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެނިމަލް ވެލްފެއާ މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރި ފެސިލިޓީއަށް ބުޅާތައް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

މިނިސްޓަރާ ކުރެވުނު ސުވާލަށް ދެއްވި ޖަވާބާ ގުޅިގެން އިތުރު ސުވާލަށް ހުޅުވާލި ފުރުސަތުގައި ކުޑޫ ވަނީ ބުޅާ ފެސިލިޓީއަށް ދުވާލަކު ކިހާ ފައިސާއެއް ހޭދަވޭތޯ އާއި ފުލް އޮކިއުޕެންސީގައި ތަން ހިންގާއިރު ދުވާލަކަށް ހޭދަވާނެ އަދަދާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ބުޅާ ފެސިލިޓީއަށް ނޮން ރިކަރަންޓު ހަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ފެސިލިޓީގައި 2،000 ބުޅާ ބަލަހައްޓާ ނަމަ މަހަކު 7 ލައްކަ ރުފިޔާ ހޭދަވާނެ ކަމަށާއި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

"އަހަރަކު 10.8 މިލިއަން މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބުޅާ ފެސިލިޓީ އާ އެ މިނިސްޓްރީން ހަވާލުވީ މާލެ ސިޓީ ކައުންސިލުން އެ ތަނަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް ކުރަމުން ނުދާތީ ކަމުގަ އެވެ. ހަވާލުވިިއިރު ތަނުގެ ހާލަތު ހުރީ ބުޅާތައް ގެންދެވޭނެ ގޮތަކަށް ނޫން ކަމަށާއި ހަވާލުވެ 16 ގަޑިިއިރުގެ ތެރޭގައި ބުޅާތައް ގެންދަން ފެށުނުކަން ފާހަގަކުރެއްވި އެވެ.

ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލާ އެކު އެނިމަލް ވެލްފެއާ މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ކުރިން ފެސިލިޓީ ގާއިމުކުރަން އެއްބަސްވެވުނު ނަމަވެސް އެ މުއްދަތަށް އެކަން ނުކުރެވުމުން މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމަން އެއްބަސްވުމަށް ބަދަލު ގެނެވުނު ކަމުގަ އެވެ.

މާރިޔާ ވިދާޅުވީ އެ މުއްދަތަށް ވެސް ތަން ނުނިމޭތީ މަސައްކަތް އަވަސް ކުރުމަށް ތަކުރާރުކޮށް ކައުންސިލުގައި އެދުނު ކަމަށެވެ. ބުޅާ ފެސިލިޓީ ހުޅުވުމުގެ ކުރިން ތަނަށް ބޭނުންވާ ތަކެތި ލިބޭނެ ކަމަށް ބުނި ނަމަވެސް ތަން ހުޅުވުނުއިރު ވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ.

ފެސިލިޓީގެ މަސައްކަތް ފުރިހަމަ ކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް ކަންކަން ފުރިހަމަ ކުރަމުން ނުދާތީވެ، އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެންމެފަހުން ތަން ގެނައީ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Ads by Allied Insurance