މިއީ ޖުޑިޝަރީއަށް ދިން ހަމަލާއެއް، އުންމީދަކީ ޖިނާއީ ކުށްކުރި އެންމެންގެ މައްސަލަ ބަލައި އިންސާފު ގާއިމުވުން: އަޒްމިރަލްދާ

ސުޕްރީމް ކޯޓު ހުއްޓުވާލައި، ފަނޑިޔާރުކަމުން ވަކިކުރުމަށް އަމާޒުކޮށް ކުރި ކަންކަމަކީ ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށާއި އުންމީދު ކުރައްވަނީ މި ގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އެ ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ ހުރިހާ ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވުން ކަމަށް ފަނޑިޔާރު ކަމުގެ މަގާމުން މިއަދު ވަކިކުރެއްވި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލިހަށް ފޮނުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
މައްސަލަ އާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސިއްރުން ކުރިއަށް ގެންދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ވޯޓުން ފާސްކުރީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި އެ ގޮތަށް މަޖިލިހުގެ ތަޅުމަށް ބަހުސްކޮށް ވޯޓަށް އެހުމަށް ފޮނުވުމަށެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރުން ވަކިކުރުމާ މެދު ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވައި ބަހުސްކުރުން ކުރިއަށް ގެންގޮސްފަ އެވެ.
ބަހުސްއަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން 68 މެމްބަރަކު ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންގެ އިތުރުން އައްޑޫމީދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުއްރަހްމާނެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން އެގޮތަށް އެދި މަޖިލިހަށް ފޮނުވައި ތަޅުމުން ނަގާ ވޯޓަކުން ކަމަށްވާއިރު، މިއަދު ނެގި ވޯޓާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަޒްމިރަލްދާ އާއި މަހާޒު ވަނީ ވަކިވެފަ އެވެ.
މަގާމުން ވަކިކުރެއްވުމާ އެކު ނެރުއްވި ބަޔާނެއްގައި އަޒްމިރަލްދާ ވިދާޅުވީ މަގާމުން ވަކިކުރައްވާފައި ވަނީ އެއްވެސް އަސްލެއް އަސާސެއް ނެތް ދޮގު ތުހުމަތެއްގައި ގާނޫނު އެއްފަރާތްކޮށް، ހައްގުތައް
ނިގުޅައިގަނެ ސިއްރިޔާތުގައި ހިންގި އިޖުރާއަތްތަކަކަށް ފަހުގައި ކަމަށެވެ.
"އެ ނިންމެވުން ނިންމަވާފައި ވަނީ އަޅުގަނޑު އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލިހުގެ ސުޕަ މެޖޯރިޓީ މެމްބަރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެންނެވެ." ބަޔާނުގައިވެ އެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑްކުރި ނަމަވެސް ސަސްޕެންޝަން ބިނާވާ މައްސަލައިގެ ލިޔެކިޔުންތައް މިހާތަނަށް ވެސް ލިބިފައި ނުވާ ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ކުރާ ކަމަށް ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެންގި ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް ސުވާލެއް އެ ކޮމިޝަނުން ކޮށްފައި ނުވާކަން ފާހަަގަކުރެއްވި އެވެ.
އަޒްމިރަލްދާގެ ބަޔާނުގައި ވަނީ ސަސްޕެންޑް ކުރެއްވި ދުވަހާއި އޭގެފަހުން ކަން ހިނގައިދިޔަ ގޮތަށް އަލިއަޅުއްވާލައްވާފަ އެވެ. ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ހަނިކޮށް، ތުހުމަތުން ދިފާއުވުމަށް ބޭނުންވާ އަސާސީ ލިޔެކިޔުންތައް ހިއްސާނުކޮށް ދިފާއުވުމުގެ ހައްގު ޖޭއެސްސީން ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"26 ފެބްރުއަރީ 2025 އިން ފެށިގެން މިއަދާ ހަމައަށް މި ކުރެވުނު ގޮންޖެހުންތަކާއި ހުރަސްތަކުން ފުރިގެންވާ ދަތުރެކެވެ. ސަބަބަކީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިނގުމެވެ. ގާނޫނުގެ ވެރިކަން ހިނގާ ނަމަ، ގާނޫނުގައި ބަޔާންކުރާ ގޮތަށް އަމަލުކޮށް، އަސާސީ ހައްގުތައް ކަށަވަރު ކުރެވި، ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ބަޔަކު އަޅުގަނޑުގެ މައްސަލަ ތަހުގީގު ނުކުރާނެ އެވެ." ބަޔާނުގައިވެ އެވެ.
މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ވެސް އަމަލުކުރީ ޖޭއެސްސީން އަމަލުކުރީ އެއްގޮތަށް ކަމަށެވެ. ކޮމިޓީއަށް ހާޒިރުވެ ދިފާއުވާނެ ފުރުސަތުން މަހުރޫމްކޮށް، ޑިޔު ޕްރޮސެސް އާއި އަސާސީ ހައްގުތައް މިއަދު ވަނީ ޖޯކަކަށްވެފައި ކަމުގައި ފާހަގަކުރެއްވި އެވެ.
އަޒްމިރަލްދާ ވިދާޅުވި ގޮތުގައި ބަސްބުނުމުގެ ފުރުސަތު ނުދެއްވައި، އެ ކޮމިޓީގެ މުގައްރިރަށް ވެސް އޭނާގެ ހައްގުތަކުން މަހުރޫމް ކުރުމަށް ދެއްކެވުނު އެންމެ ބޮޑު ހުއްޖަތަކީ 19 ވަނަ މަޖިލިހުން އަމަލުކޮށްފައިވާ ކަމަށް ބުނާ ގޮތް ކަމުގަ އެވެ.
"އެ މަޖިލިހުން ބަޔަކަށް އަނިޔާވެރިވެފައިވާ ނަމަ، 20 ވަނަ މަޖިލިހުން ވެސް އަނިޔާވެރިކަމުގެ ސަގާފަތެއް ދެމެހެއްޓުމަކީ އެ ބޭފުޅުންނަށް ރައްޔިތުން ހަވާލުކޮށްފައިވާ މަތިވެރި ޒިންމާއެއް ކަމަށް ދޭހަވާ ކަހަލަ ގޮތަކަށެވެ. އަޅުގަނޑުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގުކުރަން ފެށީ ވެސް ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ގާނޫނީ ލަފާ ވެސް އެއްބަސްވެވޭ ރާގަށް ނެތުމުން ބަލައިގަނެވޭ ކަމަކަށް ޖުޑީޝަރީ ކޮމެޓީއަކަށް ނުވި އެވެ." ބަޔާނުގައިވެ އެވެ.
ޖޭއެސްސީގަ އާއި ޖުޑީޝަރީ ކޮމިޓީގައި ގާނޫނީ އިލްމު ލިބިވަޑައިގެން ތިއްބެވި ކަމަށް ދައުވާ ކުރައްވާ ބޭފުޅުން ހިމެނޭއިރު، ސިއްރިއްޔާތުގައި ގައުމުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަން ޖެހުނު ސަބަބަށް ވިސްނާ ފިކުރު ކުރަން ޖެހޭ ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށާއި އަޑުއެހުންތައް ހުޅުވާލައިގެން ގެންދެވުނު ނަމަ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ދައުލަތުގެ އިދާރާތަކުން އުފައްދާފައިވާ ހިޔާލީ މައްސަލައެއްކަން އާންމުންނަށް އޮޅުމެއް ނެތި ހާމަވެގެންދާނެ ކަން ފާހަގަކުރެއްވި އެެވެ.
އަޒްމިރަލްދާ ވިދާޅުވީ މި އަމަލަކީ 19 ވަނަ މަޖިލިހުން އަމަލުކޮށްފައިވާ ގޮތަށް ވުރެ އެތައް ދަރަޖައެއް ހުތުރު އަމަލެެއް ކަމަށެވެ. އަދި ގާނޫނު ހިނގަން ޖެހޭ ގޮތަށް ހިނގާ ގައުމަކަށްވާ ނަމަ، އެ އަމަލުތައް ރާވައި، އިންތިޒާމްކޮށް، ތަންފީޒުކުރި އެންމެންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭނެ ކަމެއް ކަމަށެވެ.
މިހާ ފާޅުގައި ދައުލަތުގެ އެކި އިދާރާތަކުގައި ތިބި ވެރިންނާއި މުވައްޒަފުން މިފަދަ އަމަލުތައް ކުރުމަށް މަގުފަހި ވަނީ މިފަދަ އަމަލުތައްކުރާ މީހުންގެ މައްޗަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު ނޭޅޭތީ ކަމަށެވެ. ވެރިއަކަށް ފާޅުގައި ކޮރަޕްޓްވާ މިންވަރަށް ބާރު ލިބެނީ ދަށުގައި ތިބޭ އެންމެން އެކަމަށް ވާގިވެރިވުމުން ކަމަށެވެ. އަދި ބަސް ބުނަން ޖެހޭ މަގާމުތަކުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުން އެކަމަށް ދެކޮޅު ނަހަދާ ހަނު ތިބޭތީ ކަމަށެވެ.
"ރާއްޖޭގައި މަދު ފަހަރެއްގައި ނަމަވެސް ބައެއް ވެރިންގެ މައްޗަށް ފިޔަވަޅު އެޅޭއިރު، ގާނޫނުގެ ދިގު އަތް، ވެރިންގެ ދަށުގައި ތިބޭ އަދި ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް އަމަލީ ގޮތުން އެހީތެރިވި މުވައްޒަފުންގެ މައްޗަށް ނުފޯރަ އެވެ. އެފަދައިން ގާނޫނުގެ އަތް ފޯރާ ނަމަ މިހާ ފާޅުކަން ބޮޑު ގޮތަކަށް ގާނޫނު މުގުރާލަން ޖެހިލުންވާނެ އެވެ." ބަޔާނުގައިވެ އެވެ.
އަޒްމިރަލްދާ ވިދާޅުވި ގޮތުގައި ގާނޫނީ އަދި ޝަރުއީ ދާއިރާގައި ހޭދަކުރެއްވި 24 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުވަހަކު ވެސް މަގާމުގެ ނަހަމަ ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށް ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުއްވާފައި ނުވާނެ ކަމުގަ އެވެ. އަދި އެފަދަ ކަމެއް ކުރި ކަމަށް ބުނެ ހެކި ދެއްކޭނެ މީހަކު ވެސް ނުހުންނާނެ ކަމުގަ އެވެ. ފަނޑިޔާރު ކަމުގެ މަގާމުން މިއަދު އަޒުލުކޮށްފައި ވަނީ ތަހުގީގު ކުރުމުގެ މާކުރިން ނިޔާ ކަނޑައަޅާފައިވާ މައްސަލައެއްގައި ކަމުގައި ފާހަގަކުރެއްވި އެވެ.
ހުރިހާ ކަމެއްގެ ތެރޭގައި ނުފޫޒަށް ނުވަތަ ޕްރެޝަރަށް ދީލައިނުލައި، ވަކި ފިކުރަކަށް ބައިއަތު ނުހިފައި، އަބުރާއި ނަފްސު ދިފާއުކުރުމަށް ނިކުންނެވީ މައްސަލަ ނިމޭނީ މި ނަތީޖާއިންކަން އެނގިވަޑައިނުގަންނަވާތީ ނޫން ކަމުގަ އެވެ. ފަސޭހަގޮތް އިހުތިޔާރު ކުރެއްވުމުގެ ބަދަލުގައި ހިޔާރުކުރައްވަން ބޭނުންވި ކަންކަމުގެ މައްޗަށް ބަޔާނުގައި އަލިއަޅުއްވާލެއްވި އެވެ. އެއީ:
- ރާއްޖޭގައި ފަނޑިޔާރުން ތިބޭ ނިކަމެތި ހާލަތު މުޅި ގައުމަށް ފެންނަން
- އިންސާފު ގާއިމުކުރަން ތިބޭ މީހުން އަޅުދާސްކުރުމަށް ސިޔާސީ މީހުން ގެންގުޅޭ އުކުޅުތައް ފެނިހާމަވެގެން ދާން
- ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ފަނޑިޔާރުންނަށް ބިރު ދައްކާ ގޮތް ހާމަވާން
- ބުނާ ގޮތް ނަހަދައިފި ނަމަ ފަނޑިޔާރުގެ ކެރިއަރުގެ ބާކީ އޮތް ބައި ހަލާކުވެގެންދާ ގޮތް ފާޅުވާން
ވެރިކަން ހިންގާ ބާރާއި ގާނޫނު ހެދުމުގެ ބާރު މިނިވަންކޮށް ހިނގުމަށް ގާނޫނު އަސާސީ ތަސައްވުރުކުރި ނަމަވެސް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް މި މިނިވަންކަން އޮންނަނީ ހަނިކުރެވިފައި ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ. އިދާރީ ކަންކަމާއި މާލީ ކަންކަން އޮންނަނީ އަނެއް ދެ ބާރަށް ގޮތް ކަނޑައެޅުން ޝާމިލުވާ ގޮތަށް ކަމުގަ އެވެ. އަނެއް ދެ ބާރުގައި ތިއްބަވާ ވަކިވަކި ފަރުދުންނާ ހިލާފަށް ކޮންމެ ފަނޑިޔާރެއްގެ ވަޒީފާ އޮންނަނީ ސިޔާސީ ފަރާތްތަކުގެ ނުފޫޒުގައި ދަށުވެފައި ކަމުގަ އެވެ.
އަޒްމިރަލްދާ ވިދާޅުވީ ސުލޫކީވާނެ ފަދަ ކަމެއް ނުކުރި ނަމަވެސް އެވަގުތެއްގައި ތިއްބަވާ ސިޔާސީ ބޭފުޅުން ހިތްޕުޅާނުވާ ހުކުމެއްކޮށްފި ނަމަ ތުރާލާއި ފުރައްސާރައިގެ ޝިކާރައަކަށް ފަނޑިޔާރު ވެގެންދާ ކަމަށެވެ. އެކި ގޮތްގޮތަށް ހުތުރު މުޑުދާރު ތުހުމަތުކޮށް އާންމުންގެ ތެރޭގައި ފަނޑިޔާރުގެ އަބުރު ކަތިލާ ކަމަށެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނެވި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދެވެން ޖެހޭ ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ. އަދި އަނެއް ދެ ބާރު ދަށު ނުވާ، އެކަމަކު އެ ދެ ބާރުން ފާރަވެރިވާ ބާރެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމުގައި ފާހަގަކުރެއްވި އެވެ.
އަޒްމިރަލްދާ ވިދާޅުވީ އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވި ކަންތައްތަކުގެ ޝަކުވާ ޖޭއެސްސީއަށާއި އޭސީސީއަށާއި ފުލުހުންނަށާއި ރައްޔިތުންގެ މަޖިލިހަށާއި ރައީސުލްޖުމްހޫރިއްޔާއަށާ އަދި ބާ
ކައުންސިލަށް ވެސް ހުށަހެޅުއްވި ކަމަށެވެ.
ރާއްޖޭގެ އިދާރާތަކުގެ އިތުރުން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ގުޅޭ އދ. ގެ ސްޕެޝަލް ރެޕޮޓުއާއަށާއި ރާއްޖޭގައި ގާއިމުވެފައި ހުރި ބައެއް އެމްބަސީތަކަށާއި ކޮމަންވެލްތް ލޯޔާސް އެސޯސިއޭޝަނަށާއި ލޯ އޭޝިއާގެ ބޭފުޅުންނާ މި މައްސަލަ އާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ދުނިޔޭގެ ގިނަ އިދާރާތަކާއި ޖަމިއްޔާތަކަށް ވަކީލު ސިޓީ ފޮނުއްވައި މައްސަލަ އެ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ބޭރުގެ ގިނަ ޖަމިއްޔާތަކާއި އިދާރާތަކުން ރާއްޖޭގެ ޖުޑީޝަރީއަށް ދިން ހަމަލާ ކުށްވެރިކޮށް ބަޔާން ނެރެފައިވާ ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ އެއްވެސް އިދާރާއަކުން އޭނާ ހުށަހެޅުއްވި ޝަކުވާތައް ބަލާފައި ނުވާކަން އަޒްމިރަލްދާ ފާހަގަކުރެއްވި އެވެ.
ޖޭއެސްސީން ހިޔާރުކުރީ ދޮގު ރިޕޯޓެއް ހަދައިގެން މަގާމުން ވަކިކުރުމަށް ކަމަށާއި އޭސީސީން ބެލީ ކޮރަޕްޝަން ހިންގައި ސުޕްރީމް ކޯޓު ވާކޮށްލުމަށް ކަމުގައި ވިދާޅުވި އެވެ. ފުލުހުންނަށް ފެނުނީ ބަލަން ޖެހޭ ޖިނާއީ މައްސަލައެއް ނެތްކަން ކަމަށާ އަދި ބާ ކައުންސިލުން ހިޔާރުކުރީ ވަކީލުން އިންތިހާބުކުރި މެމްބަރުގެ ބައިވެރިވުމާ އެކު ދޮގު ރިޕޯޓު ހަދައިގެން ފަނޑިޔާރަކު މަގާމުން ވަކިކުރުން ސުލޫކީ މައްސަލައަކަށް ނުވާ ކަމަށް ކަމުގަ އެވެ. އޭގެ އިތުރުން މަޖިލިހަށް ފެނުނީ ގާނޫނު އަސާސީ އާއި ގާނޫނުތައް މުގުރާލައި،
އަސާސީ ހައްގުތަކެއް ނިގުޅައިގަނެފައިވާ މައްސަލައެއްގެ ބަދަލުގައި ޑިޔު ޕްރޮސެސް އާ އެއްގޮތަށް ހިންގާފައި އޮތް މައްސަލައެއް ކަމުގަ އެވެ.
އަޒްމިރަލްދާ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި އޭނާ އާއި މަހާޒު އާ އަދި ހުސްނުއްސުއޫދަށް ފަރުދީ ގޮތުން ރައްދުވި ހަމަލާއެއް ނޫން ކަމުގަ އެވެ. އެކަމަކު މިއީ ރާއްޖޭގެ ޖުޑީޝަރީއަށް ދިން ހަމަލާއެއް ކަމުގަ އެވެ. ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ލުއި ގޮތަކަށް އަތުން ފޮޅާލެވޭވަރު ކަމެއް ނޫން ކަމުގަ އެވެ.
އުންމީދު ކުރައްވަނީ މި ގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އޭނާ ފޮނުއްވާފައި ހުރި ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ ހުރިހާ ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވުން ކަމުގައި އަޒްމިރަލްދާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދައުލަތުގެ ކޮންމެ އިދާރާއަކަށް ހުށަހެޅި ކޮންމެ މައްސަލައެއް އަދި ޝަކުވާއެއްގައި ހިމެނޭ ކޮންމެ ކަމެއް އަކުރުން އަކުރަށް އަޅުގަނޑަށް ސާބިތު ކޮށްދެވޭނެ އެވެ. އެކަމަށް ހެކި އެބަހުއްޓެވެ. ނެތީ އެ ވާހަކަ އަޑުއަހައި، ތަހުގީގުކޮށް އިންސާފު ގާއިމުކުރާނެ ބަޔަކު ތިބި އިދާރާއެކެވެ." ބަޔާނުގައިވެ އެވެ.
އޭނާގެ ވަޒީފާ އާ ހެދި ފިރިކަލުންނާއި އާއިލާ ތަހައްމަލުކުރަން ޖެހުނު ކަހަލަ ކަންކަން އެހެން އެއްވެސް މީހެއްގެ މައްޗަށް އަންނަން އެދިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މައުސޫމް މީހުން ފްރޭމްކުރުމުގައި ބައިވެރިވެ ކުށްކުރި މީހުންނަށް ކޮންމެވެސް ދުވަހަކުން އިންސާފުވެރި އިޖުރާއަތަކުން ހައްގު އަދަބު ލިބޭތަން ދެކެން ބޭނުންވާ ކަމަށް ބަޔާން ނިންމަވާލައްވަމުން އަޒްމިރަލްދާ ވަނީ ވިދާޅުވެފަ އެވެ.
މައްސަލައިގައި އަމަލުކުރަމުންދާ ގޮތާ މެދު އދ. އާއި ކޮމަންވެލްތާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެކި ގައުމުގެ ބާ އެސޯސިއޭޝަންތަކުގެ އިތުރުން ރާއްޖޭގެ ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުންނާއި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ދެ ފަނޑިޔާރުންގެ އިތުރުން ހުސްނުއްސުއޫދު ވެސް ސަސްޕެންޑްކުރި އެވެ. އޭނާ ވަނީ މާޗް 4 ވަނަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަޒްމިރަލްދާ އާއި މަހާޒު ވަކިކުރިއިރު، މަޖިލިހަށް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މީގެކުރިން ވެސް ވަނީ ވަކިކޮށްފަ އެވެ.
