ދެ ފަނޑިޔާރުން ވަކިކުރުމުން ރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ވާނެ: އެމްޑީޕީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރު، މަހާޒް އަލީ ޒާހިރު އަދި ޑރ.އަޒްމިރަލްދާ ޒާހިރު ފަނޑިޔާކަމުން ވަކިކުރުމުން ރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ވާނެކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް ދެ ފަނޑިޔާާރުން ސަސްޕެންޑްކުރުމަށް ފަހު މަޖިލީހުން އެ ދެ ބޭފުޅުން މަގާމުން ވަކިކުރީ މިއަދު އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދެ ފަނޑިޔާރުންގެ މައްސަލަތައް ބަލާފައިވަނީ އިޖުރާތްތަކާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިން ލަފާގައި ފާހަކުކޮށް ފަނޑިޔާރުންނަށް ދިފާއުގައި ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުންޏެެވެ.
"ފަނޑިޔާރުން ވަކިކުުރުމުގެ އެންމެހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އިންސާފުގެ ހަމަތަކާއި ރާއްޖޭގެ ގާނުނުތަކާ ހިލާފަށް ކަމަށްވާއިރު މިއީ ރާއްޖޭގެ ޖުޑިޝަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެން ގޮސް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ގައުމަށް ލިބޭނެ ކަމެކެވެ" އެމްޑީޕީން ބުންޏެވެ.
ދެ ފަނޑިޔާރުން ވަކިކުރީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.
