ބްރޯޑްކޮމްގެ މެމްބަރު މުހައްމާ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ މަޖިލިހަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެމްބަރުންގެ މަޖިލިހުގެ މެމްބަރު ކަމަށް ހަމަޖައްސައިފި އެވެ.
ކޮންގްރެސް ޕާޓީގެ މެމްބަރުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވުނުއިރު އެ ޕާޓީގެ ސެނެޓުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ރަސްމީކޮށް ކޮންގްރެސް ޕާޓީ އާ ގުޅިވަޑައިގެންފަ އެވެ.
ކޮންގްރެސް ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީ އާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ބައެއް މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އެ ބޭފުޅުންގެ ތެރެއިން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ބޭފުޅަކީ މުހައްމާ އެވެ. އެއީ އޭނާއަކީ ބްރޯޑްކޮމްގެ މެމްބަރަކަށް ވާތީ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް މުހައްމާ އައްޔަންކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ބްރޯޑްކޮމްއަކީ ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެެއްގެ ހައިސިއްޔަތު ދީފައިވާ ކޮމިޝަނެކެވެ. ކޮމިޝަނުގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއްގައި ހުންނަ މީހަކަށް އެ ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުން ހުރަހެއް ނާޅަ އެވެ.
މުހައްމާއަކީ ޕީޕީއެމް އުވާލުމާ ހަމައަށް އެ ޕާޓީގެ ސެނެޓުގެ މެމްބަރެކެވެ. ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވައި އޭނާ ވަނީ އިގުރާރު ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަވާލުކުރައްވާފަ އެވެ.
ޕީޕީއެމްގެ ސެނެޓަރުންގެ ތެރެއިން އެ ޕާޓީ އާ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ މަޖިލިހުގެ މެމްބަރުން ކަމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
ޕާޓީ އާ ގުޅިވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި ޣައްސާނާއި ޝިޔާމުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އަދި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ޣައްސާނާއި ޝިޔާމް ކޮންގްރެސް ޕާޓީ އާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ ރައީސް މުއިއްޒު ވަނީ ކޮންގްރެސް ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އެ ދެ ބޭފުޅުން ހަމަޖައްސައިދެއްވުމަށް ޕާޓީގެ މެމްބަރުންގެ މަޖިލިހުގައި އެދިވަޑައިގެންފަ އެވެ.
ރައީސްގެ އެދިވަޑައިގެންނެވުމަށް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ތާއީދުކުރެއްވި އެވެ. އެ އާއެކު މެމްބަރުންގެ މަޖިލިހުގެ އިއްތިފާގުން އެ ދެ ބޭފުޅުންނަކީ ކޮންގްރެސް ޕާޓީގެ ދެ ނައިބު ރައީސުން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.