އަތުލައިގަތް ސިނގިރޭޓު ކާޓަންތައް ވަގަށް ނެގި ކަމުގެ ރިޕޯޓެއް ނުލިބޭތީ ތިން ބިދޭސީން ދޫކޮށްލައިފި

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އަތުލައިގަތް ސިނގިރޭޓު ކާޓަންތަކަކީ ބޮންޑެޑް ވެއާހައުސްއަކުން ގެއްލުނު ތަކެތި ނަމަވެސް އެ ތަކެތި ވަގަށް ނެގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައި ނުވާތީ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ތިން ބިދޭސީން ދޫކޮށްލައިފި އެވެ.
މައްސަލަ އާ ގުޅިގެން މީގެކުރިން ފުލުހުން ބުނެފައި ވަނީ ސިނގިރޭޓު ކާޓަންތައް ފެނުނީ އެ ތަކެތި ބޮޑުރަސްގެފާނު މަގަށް ބޭލި ޕިކަޕު، އެ ސަރަހައްދު ދޫކޮށް ފިލަން މަސައްކަތް ކުރުމުގެ ތެރެއިން ކަމަށެވެ.
ކަޅުކުލައިގެ ތިން ދަބަހުގައި ހުރި ސިނގިރޭޓު ކާޓަންތަކަކީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެ ދަބަސްތައް ބަލައި ފާސްކުރިއިރު، 221 ކާޓަންގެ އެމެރިކަން ލެޖެންޑް ސިނގިރޭޓު ފެނިފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އެ މައްސަަލަ އާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ ރެޒައުލް ހައްގު (39އ)، އެމްޑީ މަންމާން މޮންޑޮލް (43އ) އަދި މުހައްމަދު ސުލައިމަން (42އ) އެވެ.
އެ ތިން މީހުންގެ ބަންދު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ އެ މީހުން ވަޒީފާ އަދާކުރަމުން ދަނީ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގައި ކަމަށެވެ.
މައްސަލައިގެ ކްރިމިނަލް އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވެފައި ވަނީ އަތުލައިގަތް ސިނގިރޭޓު ކާޓަންތަކަކީ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސްއަކުން ގެއްލިފައިވާ ތަކެތި ކަމަށެވެ. އެ ތަނަކީ ބޮންޑެޑް ވެއާހައުސްއެއް ކަމުން މުދާ ބޭރުކުރެވޭނީ މޯލްޑިވްސް ކަސްޓަމްސްއަށް ޑިއުޓީ ދައްކައިގެން ކަމަށެވެ.
ހޯދިފައިވާ ކަންކަމަށް ބަލައި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުުހުން ބުނެ އެވެ. މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ ވައްކަމުގެ ތުހުމަތެވެ.
ކުރެވޭ ތުހުމަތުގެ ދިފާއުގައި އެ މީހުން ބުނެފައިވާ ގޮތުގައި ސިނގިރޭޓު ކާޓަންތައް ހުރި ދަބަސްތައް ޕިކަޕަށް އެރުވުމުގައި ހަރަކާތްތެރިވީ އެ އުޅަނދު އޮތް ސަރަހައްދުން ދިމާވި ބިދޭސީއަކު އުޖޫރަ ދޭން ބުނުމުން ކަމުގަ އެވެ. މައްސަލައިގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފަ އެވެ.
ދެ ފަހަރެއްގެ މަތިން ފަސް ދުވަސް ޖެހުމަށް ފަހުގައި މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މީހުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. ޝަރުތުތަކަކާ އެކު އެ މީހުން ދޫކޮށްލާފައި ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރުމަށް ފަހުގަ އެވެ.
ބަންދުގައި ތިބޭތާ 10 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މީހުން ދޫކޮށްލީ އެފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން އެ އިދާރާއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވާތީ ކަމަށް އަމުރުގައިވެ އެވެ. ތިން މީހުންނަކީ ވެސް ސައްހަ ވިސާގައި ރާއްޖޭގައި އުޅެމުން އަންނަ މީހުން ކަމުގައި ކޯޓުން ބުނެ އެވެ.
