ޚަބަރު

ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރަން ތައިލެންޑުން އެހީވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރާއްޖެއާ ތައިލޭންޑާ ދެމެދު ވެވުނު އެއްބަސްވުން ދައްކާލަނީ/ ފޮޓޯ: ހެލްތް މިނިސްޓްރީ

ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ރާއްޖެއާއި ތައިލެންޑް ސަރުކާރާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

Ads by MPL

ހެލްތު މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ދެމުންގެންދާ ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުމަށާއި، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާ ކުރިއެރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިން އަށް އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. އަދި، ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ އޮފް ހެލްތު ޑޭޝް-އިސް ކައުތޯން އެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓާ ސައިމާ ވާޒިދް ބައިވެރިވެ ވަޑައިގަންނަވާ ވާހަކަ ދެއްކެވި އެވެ.

ނާޒިމްގެ ވާހަކާ ގައި ރާއްޖެއާ ތައިލޭންޑުގެ ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނާޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއްކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ތައިލެންޑުން އާންމު ސިއްހަތަށް ވެދެމުން ގެންދާ ޒަމާންވީ އެއްބާރުލުމާއި ތަޖުރިބާއަށް ޝުކުރު އަދާކުރައްވައި، ޕްރައިމަރީ ހެލްތު ކެއާ، ކެޕޭސިޓީ ބިލްޑިން، ޕޮލިސީ ރިސާޗް، އެކަޑަމިކް އެކްސްޗޭންޖް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!