ޚަބަރު

މާފަރު އެއާޕޯޓްގައި ފުރަތަމަ ފަހަރަށް ބޮއިން 777 ގެ ފްލައިޓެއް ޖައްސައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ބޮއިން 777 ފްލައިޓެއް ޖައްސަނީ - ފޮޓޯ: ސަރުކާރު ވެބްސައިޓް

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެއްގެ ގޮތުގައި، އެ އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ކަމަށްވާ ބޮއިން 777 ގެ ފްލައިޓެއް ޖައްސައިފި އެވެ.

Ads by MPL

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ 'ސަރުކާރު' ވެބްސައިޓްގައި ލިޔެފައިވާ ގޮތުގައި މިއީ މާފަރު އެއާޕޯޓަކީ ރާއްޖޭގެ މުހިންމު އޭވިއޭޝަން ހަބަކަށް ހެދުމުގެ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

ބޮއިން 777 ގެ ފްލައިޓު މާފަރު އެއާޕޯޓުގައި ޖެއްސުމަކީ އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެއް ކަމަށް ސަރުކާރުން ބުންޏެވެ.

މީގެ ތެރޭގައި ރަންވޭގެ ގާބިލުކަން ޓެސްޓު ކުރުމާއި، ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތަކާއި، ނެވިގޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނޭ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

މާފަރު އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި އަޕްގްރޭޑްތަކެއް ވެސް އެއާޕޯޓަށް ގެނެސްފައިވެ އެވެ؛

  • އެއާޕޯޓްގައި ކުރިން އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކޮށްފައިވޭ
  • އެޕްރަން ކެޕޭސިޓީ އިތުރުކޮށް 13 ޖެޓުގެ ބަދަލުގައި 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކޮށްފައިވޭ
  • މި މަސައްކަތްތައް ކުރީ އެމްޓީސީސީން

2019 ގައި ހުޅުވުނު މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް މި އަޕްގްރޭޑްތައް ގެންނަން ވެގެން މިދިޔަ އަހަރުގެ މެއި މަހު ވަގުތީ ގޮތުން އެ އެއާޕޯޓްގެ އިންޓަނޭޝަނަލް ފްލައިޓްތަކުގެ އޮޕަރޭޝަންތައް ހުއްޓާ ވެސް ލި އެވެ. މިހާރު އެ އޮޕަރޭޝަންތައް އަލުން ވަނީ ފަށައިފަ އެވެ.

މި ތަރައްގީއާއެކު ފަތުރުވެރިންނަށް ދަތުރުކުރުމަށް ހޭދަވާ ވަގުތު މަދުވެ، ދަތުރުފަތުރު ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މާފަރު އެއާޕޯޓުގެ މި ތަރައްގީއާއެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށާއި މުޅި އިގުތިސޯދަށް އިތުރު ކުރިއެރުންތަކެއް ލިބި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގައިގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.