ޑިޕްލޮމެޓިކް ވަފުދަކަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް ބަޑިޖަހައި އެ ގައުމުގެ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާ ކުށްވެރިކޮށް، ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކަށް ޖަވާބުދާރީ ކުރުވަން ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަގުވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު އެ އަމަލަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރި ކުރެވެން ޖެހޭ ކަމެއް ކަމުގައި ވެސް ފާހަގަކުރި އެވެ.
އިޒްރޭލުގެ އެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެ ގައުމަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ހިލާފު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޑިޕްލޮމެޓިކް މިޝަންސްތަކާއި ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުން އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތަކެއް ކަމުގަ އެވެ.
އަދި އިޒްރޭލުގެ އެ އަމަލު ކުށްވެރިކޮށް، ބައިނަލްއަގުވާމީ މުޖުތަމައުން އެ ގައުމުން ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީ ކުރުވައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
