ޚަބަރު ސަރުކާރު

ފުރަތަމަ ފަހަރަށް ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ސައުދީގައި ގާއިމުކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހައްޖަށް ދިޔުމަށް ބަޔަކު ބޯޓަށް އަރަން ދަނީ: ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ސައުދީގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާގައި ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by MPL

މީޑިއާތަކާ މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިންނަށް ޓަކައި ހައްޖު މޫސުމުގައި ހާއްސަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ދިވެހި ހައްޖު މިޝަންއަށް ރަސްމީކޮށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.

"ދިވެހި ހާޖީންނަަށް ރަސްމީކޮށް ކްލިނިކް ގާއިމުކުރެވިގެން ދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަނުގެ ހޮޓަލުގައި. ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކުގައި ގާއިމުކޮށްފައި،" ޝަހީމް ވިދާޅުވި އެވެ.

ބޭސްފަރުވާ އާއި ހޮސްޕިޓަލް އެނދު ވެސް ކްލިނިކުގައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ. މިއީ މިގޮތަށް ސައުދީގެ ހޮސްޕިޓަަލަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކެއް ގާއިމުކުރެވިގެންދާ ފުރަތަމަ ފަހަރު ކަމުގައި ފާހަގަކުރެއްވި އެވެ.

ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ މީހުން އަންނަ ހޯމަ ދުވަހު ސައުދީއަށް ދިއުމަށް ފުރަން ފަށާނެ އެވެ. މި އަހަރު ހައްޖަށް ދާ މީހުންނަށް މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރުމެވެ. އެގޮތަށް ފުރުމުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަނުގައި މަޑުކުރަން ނުޖެހި ހައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އެއާޕޯޓުގެ އިންތިޒާމުތައް ފަސޭހަވުމުގެ އިތުރުން އެ އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންގެ ލަގެޖުތައް ވެސް ލިބޭނީ ހޮޓަލުންނެވެ.