އިމިގްރޭޝަނުގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަނުގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައިވާއިރު، އިއްޔެ ހުޅުމާލެ ފޭސް އެކެއްގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެ އޮޕަރޭޝަނުގައި އެ އިދާރާގެ އޮފިސަރުން ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުން ކުރަން ފަށާފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ އިދާރާގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކުރުން ކަމުގަ އެވެ. އަދި އާންމުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަކީ ވެސް މަގުސަދެއް ކަމުގައި ފާހަގަކުރެ އެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް އަންނަނީ ހިންގަމުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ވަނީ ފުޅާކޮށްފަ އެވެ. ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
