ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް (21އ) ގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.
ހ. މިޓާޒު ގޭގެ ފުރާޅު މަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލް މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކުރި އެވެ. އެންމެފަހުން އިތުރުކުރި 20 ދުވަހުގެ ބަންދުގެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތިގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. އާ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ ހަވީރެވެ.
އަލުން ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރައުދަށް ދައުވާ ކޮށްދިނުމަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިއަދު "ދެން" އަށް ވިދާޅުވީ ރައުދުގެ މައްސަލަ އެ އޮފީހަށް ބަލައިގެންފައިވާ ކަމަށެވެ. މައްސަލައިގައި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެކަން ޝަފީއު ފާހަގަކުރެއްވި އެވެ.
ރައުދުގެ ބަންދު އަމުރުތައް ހާމަކުރުން ކްރިމިނަލް ކޯޓުން ހުއްޓާލާފައިވާއިރު، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު "ހަމަނުޖެހުމެއް" ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް ފަހުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާ އާއި ރައުދު، މއ. މާންދޫގޭދެކުނުގެއަށް ބަޔަކާ އެކު ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުންދާއިރު، އޭނާގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭތީ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ބަޔާން ނަގަން ފުލުހުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
