މޫނު ބުރުގާ އަޅައިގެން ގޮސް ފިހާރައަކުން އަގުބޮޑު ގަޑިއެއް ވަގަށް ނެގި ފިރިހެނަކު ހައްޔަރުކޮށްފި

މޫނު ބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ ވައްކަން ކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ މީހާއަށް ތުހުމަތު ކުރެވެނީ ފިހާރައަކުން 67،500ރ ގެ އޮމެގާ ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމަތެވެ. ގަޑި ވަގަށް ނަގާފައިވަނީ 3 މީހަކު ގުޅިގެން ރާވައިގެން ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
ލިބިފައިވާ ސީސީޓީވީ ފުޓޭޖް ސްނެޕްޝޮޓްތަކާއި، ބަޔާންތަކުން އެނގޭގޮތުގައި މީނާ ވަނީ އަންހެން ހެދުން އަޅައިގެން (ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން) ފިހާރަތެރެއަށް ވަދެ ގަޑި ނަގާފައި
ވަގަށް ނެގި ގަޑި މިހާތަނަށް ހޯދިފައިނުވާ ކަމަށާއި ނަމަވެސް ގަޑި އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހާ އަކީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ކުށުގެ ގިނަ ރެކޯޑް އޮތް މީހެެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ގަތުމާއި ވިއްކުން އަދި ބޭނުންކުރުން، ކައުންޓާ ފިޓް ފައިސާ ގެންގުޅުން، ސައިކަލު ވަގަށްނެގުން، ހަތިޔާރު ބޭނުންކޮށްގެން ފޭރުން އަދި އަންހެން ފޭރަން އަޅައިގެން ސިފަ ބަދަލުކޮށްގެން ވައްކަން ކުރުން ހިމެނެ އެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.