ޚަބަރު

ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އަޅުވައި ދޫކުރަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާފުށި ޖަލު - ފޮޓޯ: ދަ ޕްރެސް

އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ ހައްލުުކުރުމުގެ ގޮތުން ޓެގު އަޅުވައި ބައެއް މީހުން މިއަދު ދޫކުރަން ފަށައިފި އެވެ.

Ads by STELCO

ވާނުވާ ބަންދުގައި ތިބޭ މިހުންގެ ތެރެއިން ބަންދަށް ލުއި ހޯދަން ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހުޅުވާލީ މީގެ ހަފްތާއެއް ކުރިން ނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.

"މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ." ރައީސް ވިދާޅުވި އެވެ.

ވާނުވާގައި ތިބި މީހުންގެ ތެރެއިން ބަންދަށް ލުއި ދޭނީ އެ މީހަކު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތްތޯ ބަލަން ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން އެސެސްމަންޓެއް ހަދައި ޕީޖީ އޮފީހަށް ހުށަހެޅުމުން ނެވެ. އަދި އެއާއެކު ބަންދު މުރާޖާކުރަނަ ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުން ޖިންސި ކުށްތަކުގައި ވާނުވާ ޖަހާފައި ތިބި މީހުން ބަންދުން ދޫނުކުރާނެ އެވެ.

ޕީޖީ އޮފީހުން ކުރިން ބުނި ގޮތުގައި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ އެވެ.

Ads by HDC