ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ހިންގާ މުދައްބިރުންނާ ރައީސް ބައްދަލުކުރައްވައިފި

މަދަރުސީ ދައުރުން ނަތީޖާ ނުނެރެވިގެންނާއި ތައުލީމާއި ތަމްރީނުގެ ފުރުސަތެއް ނުލިބި ތިބޭ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ފަށާ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ހިންގާ ސިފައިންގޭގެ މުދައްރިބުންނާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާ މުދައްރިބުންނާ ރައީސް ބައްދަލުކުރެއްވީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. ރައީސް ވިދާޅުވީ މި ޕްރޮގްރާމަކީ ގައުމަށް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށާއި، މި މަޝްރޫއުއަކީ ދިވެހި ޒުވާނުން، ގައުމަށް ފައިދާ ހުރި، ބޭނުންތެރި ބަޔަކަށް ހެދުމަށް ޓަކައި ހިންގޭ ވަރަށް މުހިންމު ވަޠަނީ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ މިފަދަ ގޮތަކަށް މުޅިން އަލަށް ފެށޭ ކަމަކަށް ވާތީ، ކަމުގެ މުހިންމުކަން ދެނެތިބެ ވިސްނުންތެރިކަމާ އެކު ސަމާލުކަން ދީގެން ކުރިއަށްގެންގޮސް ދެއްވުމަށް ސިފައިންގެ ކިބައިން އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އަދި މި މަޝްރޫޢު ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްދެއްވުމުގައި ދިވެހި ސިފައިންނާ މެދު އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވައި، ދިވެހި ގައުމު ފަޚުރުވެރިވާ ފަދަ ގޮތުގައި މި ޕްރޮގްރާމް ސިފައިން ކުރިއަށްގެންދަވާނެ ކަން އެމަނިކުފާނު ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ މަގުމަތީގައި އެއްވެސް ކަހަލަ އުންމީދެއް ނެތިފައި ތިބި ކުދިން، ނުވަތަ ކިޔެވޭނެ ގޮތެއް ނެތިފައި ތިބި ކުދިން ނުވަތަ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ލިބިފައި ނެތްކުދިން ނުވަތަ އަމިއްލައަށް ޚިދުމަތާ ގުޅެން ބޭނުންވާ ކުދިންނަށް ރަނގަޅު ތަރުބަވީ އަޚްލާޤެއް ދަސްކޮށްދީ، ދީނަށް ލޯބިކުރާ އަދި ގައުމު ދެކެ ލޯބިވާ ރަނގަޅު ބަޔަަކަށް ހަދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަަތަރު އަހަރު، ކޮންމެ އަހަރަކު 1000 ފަރާތެއް ދިވެހި ވަޠަނީ ޚިދުމަތުގައި ތަމްރީނުކުރުމަށް ވަނީ ނިންމައިފަ އެވެ. މީގެ ތެރެއިން މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މިއަދުގެ ނިޔަލަށް 891 ޒުވާނުން ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ބެލެނިވެރިޔާ ރުހުމާ އެކު 450 އަށް ވުރެ ގިނަ 18 އަހަރު ނުފުރޭ ޒުވާނުން ހުށަހަޅާފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެއްވަމުން ގެންދަވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.