ޚަބަރު ސަރުކާރު

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅަށް ޑަބްލިއުއެޗްއޯގެ އެވޯޑު ރައީސަށް އަރުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލްގެ އެވޯޑު ރައީސަށް އަރުވަނީ / ފޮޓޯ:ރައީސް އޮފީސް

ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމަނިކުފާނަށް ހާއްސަ އެވޯޑެއް އަރުވައިފި އެވެ.

Ads by MPL

ރައީސަށް އެ އެވޯޑު އަރުވާފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުުރުމަށް ރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. އެވޯޑު ރައީސަށް އެރުވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑު، އިއުލާނު ކުރައްވާފައި ވަނީ ރައީސް މުއިއްޒު އާންމުންގެ ސިއްހަތު ރައްކާތެރި ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުން ގެންދަވާ ނަމޫނާ ލީޑަޝިޕާއި ދުރުވިސްނުންފުޅަށް ތައުރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގަ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސަށް އެވޯޑު އެރުވީ އާންމުންގެ ސިއްހަތު ރައްކާތެރިކޮށް، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހަރުދަނާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތައާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތައުރީފުކޮށްފަ އެވެ. އަދި ރައީސްގެ އިސްނެންގެވުމުގެ ދަށުން ތަންފީޒު ކުރައްވާ ސިޔާސަތުތަކާއި ގެންނަވާފައި ހުރި ބަދަލުތައް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތައް ރައީސް ތަސްދީގު ކުރައްވާފައިވުމުން ރާއްޖެއަށް އެ ރޮނގުން ފާހަގަކުރެވޭ ފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުން ފަދަ ކަންކަން ހިމެނެ އެވެ.

އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ގާނޫނީ އުމުރުފުރާ 21 އަހަރަށް އިތުރުކުރުމާއި ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާއި ސްޕޮންސަކުރުން މަނާކޮށްފައިވުން ވެސް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި މި މަސައްކަތްތަކަކީ ހަމައެކަނި ރާއްޖެއަށް ލިބިގެން ދިޔަ ކާމިޔާބީއެއް ނޫން ކަމަށާއި މި ކަމަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒު ހިފާފައިވާ އެހެން ގައުމުތަކަށް ވެސް ވަރަށް ހަރުދަނާ ނަމޫނާއެއް ކަމުގަ އެވެ. މި ރޮނގުން ރާއްޖެއިން ގެންގުޅޭ ސިޔާސަތު އެ ޖަމިއްޔާއިން ސިފަކޮށްފައި ވަނީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއްގެ ގޮތުގަ އެވެ.

ސަރުކާރުން ދަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުމާއި ދުންފަތް ވިއްކާ އަގު ބޮޑު ކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާސިލުވެވޭނެ މަގުތައް ހަނިކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by HDC