ޚަބަރު ސަރުކާރު

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގްލޭޝިއާތައް ނެތިދާ މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ނައިބު ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއާސް ޕްރިޒަވޭޝަންގެ އިފުތިތާހީ ސެޝަންގައި ނައިބު ރައީސް ބަޔާން އިއްވަވަނީ / ފޮޓޯ:ރައީސް އޮފީސް

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގްލޭޝިއާތައް ނެތިދިއުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

Ads by STELCO

އެމަނިކުފާނު އެހެން އިލްތިމާސް ކުރައްވާފައި ވަނީ "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއާސް ޕްރިޒަވޭޝަން" ގެ އިފުތިތާހީ ސެޝަންގައި އިއްވެވި ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ނައިބު ރައީސް ވިދާޅުވީ ގްލޭޝިއާތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާތަކަކީ ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށެވެ.

ވިލުންތެރިކަމާއި ލޯ-ކާބަން ތަރައްގީއަށް މަގުދައްކައިދޭ ގޮތަށް ރާއްޖެއިން ހުށަހެޅި ތިން ވަނަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) މި އަހަރު ހުށަހަޅާފައިވާކަން އެމަނިކުފާނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ބައިނަލްއަގުވާމީ އެހީތެރިކަމާ އެކު 2035 ވަނަ އަހަރު އަންނަންވާއިރަށް ކާބަން ބޭރުކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކޮށް، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅުއްވާ އަޒުމު ނައިބު ރައީސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ނައިބު ރައީސް ވަނީ ކޮޕް-30 ގެ ކުރިން ހުރިހާ ގައުމަކުން ވެސް އެންޑީސީ ހުށަހެޅުމަށާއި މި މަސައްކަތުގައި އަޒުމު ވަރުގަދަކޮށް، ކަމުގެ ހައްސާސްކަން ދަނެގެން ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރުމަށް ގައުމުތަކަށް ގޮވާލެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެދެވޭ ހައްލުތަކެއް ހޯދަން އެދޭ ނަމަ، ބައިނަލްއަގުވާމީ އަހުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކަކަށް ވުމުގެ ބަދަލުގައި އެއީ ބަދަލު ގެނުވަނިވި އިލްތިޒާމުތަކަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކަށް ހާއްސަ ފަންނިއްޔާތާއި ގާބިލުކަން އިތުރުކުރުމާއި ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ފަދަ އެހީތެރި ކަމަށް ސީދާ އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެހީތެރިކަން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ނައިބު ރައީސްގެ ބަޔާން ނިންމަވާލައްވާފައި ވަނީ ގަނޑުފެން ގިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، ގްލޭޝިއާ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިލުމުގައި ބައިނަލްއަގުވާމީ މުޖުތަމައާ އެކު ގާތުން މަސައްކަތް ކުރުމުގައި ރާއްޖެ ދެމިއޮންނާނޭކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

Ads by Allied Insurance