ހައްޖު ދަތުރު ކުރުވަނީ އިންތިޒާމުތައް ރަނގަޅުވުމުން، އެކަމުން އަޅުކަމަށް އަސަރެއް ނުކުރާނެ: ރައީސް

މި ފަހަރު ހައްޖުގެ އަޅުކަން އަދާކުރާ ފަރާތްތަކަށް ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި ވަނީ ވަރަށް ފެންވަރު ރަނގަޅަށް ކަމަށާއި ދަތުރު ކުރުވަނީ އެކަމުގެ ސަބަބުން ކަމަށް ވުމާ އެކު، އަޅުކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ހަތް ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވަރަށް ތަފުސީލީ ގޮތެއްގައި ހައްޖާޖީންނަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވާފައިވާ ގޮތްތަކާ ގުޅޭގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
ރައީސް ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ކަންކަން ރާއްޖެއަށް ކަންކަން ހަމަޖެހިގެން ދިޔައީ ހާއްސަ އިންތިޒާމެއްގެ ދަށުން ކަމަށެވެ. އެ ހިދުމަތުގެ ދަށުން ސައުދީ އަރަބިއްޔާއަށް ދާން ހައްޖުވެރިން ރާއްޖެއިން ފުރަނީ ހުރިހާ ކަމެއް ހަމަޖެހިގެން ކަމަށެވެ.
ހައްޖާޖީންނަށް މައްކާއަށް ދެވުމުން ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ނުޖެހި މައްކާގައި ތިބޭ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ. އަދި މިނާގައި ތިބުމަށް ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރެއްވި އެވެ.
"އެންމެފަހާ ޖެހެންދެން ވެސް އަޅުގަނޑުމެން ތިބެމުން މި އަންނަނީ ވަރަށް އާދައިގެ ޓެންޓްތަކެއްގައި. ކެޓަގަރައިޒް ކުރެވިފައި ހުންނައިރުގައި، ދިވެހިން ތިބެން ޖެހެނީ ތަންކޮޅެއް އާދައިގެ ގޮތެއްގައި. އެހެންނަމަވެސް، މި ކަމަށް ވެސް ނިމުމެއް ގެނެސްދެއްވައި، އަޅުގަނޑުމެންނަށް މި ވަނީ ވަރަށް ފެންވަރު ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަވައި ދެއްވާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މައްކާ އާއި މަދީނާ އާ ދެމެދު ކުރާ ދަތުުުރުތަކަށް ކޮންމެ ފަހަރަކު ބަހުގައި 10-12 ގަޑިއިރު، ނުވަތަ އެންމެ މަދުވެގެން ވެސް 8 ގަޑިއިރު ހޭދަކުރަން ޖެހޭ ކަމުގަ އެވެ. އެހެންނަމަވެސް މި ފަހަރު ހަމަޖައްސާފައި ވަނީ މައްކާއިން މަދީނާއަށް ހައި ސްޕީޑް ރޭލުގައި ދަތުރުކުރާ ގޮތަށް ކަމުގަ އެވެ. އެ ދަތުރަކީ ދެ ގަޑިއިރެއްހާއިރުގެ ދަތުރެއް ކަމުގައި ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެކަމުން ބަލިތައް ޖެހުމާއި މީހާ ބަލިވާ ބަލިވުން ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެކަން ފާހަގަކުރައްވާފަ އެވެ.
އެ އާއެކު މި ފަހަރު އެންމެ ބޮޑު ތަފާތަކީ މައްކާގައި ހައްޖުގެ ހުރިހާ އަޅުކަމެއް ނިންމައި، ވަދާއީ ތަވާފް ކޮށްފައި މަދީނާއަށް ދިއުން ކަމުގައި ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ، އޭގެ ސަބަބުން ހަތަރު ފަސް ދުވަހެއް ކުރުވޭ އެބަ. ދެން ހަގީގަތުގައި އެ ކުރުވުމަކީ އަޅުކަމަށް އެއްވެސް އަސަރެއްކުރާ ކަމެއް ނޫން. ހިތްހަމަޖެހުން ލިބި، ސިއްހަތު ސަލާމަތުން ބެހެއްޓި، ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ލިބިގެން ގޮސްފައި، ހައްޖު އެންމެ ފުރިހަމައަށް ރަނގަޅަށް އަދާކުރުމަށް ލިބޭ ފުރުސަތެއް ގޮތުގައި އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވި އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރަން ގޮސް ތިބި މީހުންނާ ބައްދަލުކުރައްވައި ރައީސް ސަލާން ކުރައްވަނީ / ފޮޓޯ:ރައީސް އޮފީސް
ރައީސް ވިދާޅުވީ މި ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ ސައުދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުން ކަމަށެވެ. މިކަމުން ފެންނަނީ ސައުދީ ސަރުކާރުން ރާއްޖެ އާ މެދު ބަހައްޓަވާ ގާތްކަން ކަމަށާއި އެ ގައުމުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ފާހަގަކުރެއްވި އެވެ.
"ރާއްޖެ އާއި ދޭތެރޭގައި ވަރަށް ވަރަށް އިހްސާންތެރިކޮށް، ވަރަށް ގާތްކޮށް ހިއްތަވަނީ. އެކަމަށް ޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ސައުދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީއަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަން ހަމަޖެހިގެންދާނެ ކަމުގަ އެވެ. ގިނަ މަސައްކަތްތަކެއް ކުރުމަށް ޕްލޭންކުރެވި، ކަމާ ގުޅުންހުރި މަޝްވަރާތައް ހިނގަމުންދާ ކަމުގަ އެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރު ތެރޭގައި ކަންކަން ރަނގަޅުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގަ އެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި އަހަރު އެމަނިކުފާނުގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަންނަވާކަން ފާހަގަކުރައްވާފަ އެވެ. އެ ދަތުރަކީ ސައުދީ ސަރުކާރުގެ ފަރާތުން ދެއްވާ ހާއްސަ ދަތުރެއް ކަމަށާއި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައި ވަނީ ހިލޭ ރޯޔަލް ކޯޓުން ކަމުގައި ފާހަގަކުރެއްވި އެވެ.
