ޚަބަރު ސަރުކާރު

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުނަގަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގުޅިފަޅު: އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގޯތި ލިބިފައިވާ މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ވަނީ ފަށާފައި / ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ

އެމްޑީޕީގެ މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ބަދަލުކޮށް މި މަހުގެ 16 ވަނަ ދުވަހު އާންމުކުރި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް އާންމުކުރި އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގަން ފަށައިފި އެވެ.

Ads by MPL

ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަހައްދުން ގޯތި ކަނޑައަޅައި، ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން މި މަހުގެ 16 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ ކުރީގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ގުޅިފަޅުގެ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި އެ ޕްލޭނަށް ބަދަލު ގެނެސް އެ މަހުގެ 27 ވަނަ ދުވަހު ގެޒެޓުކުރި ޕްލޭނަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ވަނީ އަލަށް އެކުލަވާލި ލޭންޑް ޔޫސް ޕްލޭން އެ އިއުލާނާ އެކު އާންމުކޮށްފަ އެވެ.

އެހެންނަމަވެސް އެ ޕްލޭނަށް ބަދަލު ގެނެސް އިއްޔެ ވަނީ އާ ލޭންޑް ޔޫސް ޕްލޭނެއް އާންމުކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނި ގޮތުގައި މީގެކުރިން ތިން ފަހަރެއްގެ މަތިން ގެޒެޓުކުރި ޕްލޭނަށް ބަދަލު ގެނެސް އާ ޕްލޭނެއް އާންމުކުރާ ކަމުގަ އެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި އެ ބަދަލާ ގުޅޭގޮތުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މެއި މަހުގެ 16 ވަނަ ދުވަހު އާންމުކުރި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައި ވަނީ ހުށަހެޅި ހިޔާލުތަކަށް ރިއާޔަތް ކުރުމާ އެކު، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ތަމްސީލުކުރާ ޔުނިއަން އާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ހައުސިން މިނިސްޓްރީން ރޭ ބުނެފައިވާ ގޮތުގައި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެވި، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރު ކުރެވިފައިވާތީ، އެ ޕްލޭނަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން މިއަދު ވަނީ ފާސްކޮށްފައިވާ އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ޕްލޮޓުތައް ތަރުތީބު ކުރެވިފައިވާ ގޮތުގެ ޗާޓު އިއުލާނަކާ އެކު އާންމުކޮށްފަ އެވެ.

އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުން ފަށާފައި ވަނީ މިއަދު މެންދުރުފަހު 2:30 ގައި އުސްފަސްގަނޑުގަ އެވެ. އެކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގުރުއަތު ނަގަމުންދާ ވަރަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ވަގުތުން އެސްއެމްއެސްގެ ޒަރިއްޔާއިން މެސެޖެއް ލިބޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ރޭ ނެރުނު އިއުލާނުގައި ބުނީ ގުރުނެގުން އަލުން ބޭއްވުމަށް ނިންމީ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އާ ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީ ކަމަށެވެ. ބަދަލާ ގުޅިގެން އެ ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅިފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުނަގާނެ ކަަމަށެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފުސީލު:

  • 1،250 އަކަފޫޓުގެ 684 ގޯތި
  • 1،650 އަކަފޫޓުގެ 1،242 ގޯތި
  • 2،050 އަކަފޫޓުގެ 923 ގޯތި
  • 2،450 އަކަފޫޓުގެ 479 ގޯތި
  • 2،850 އަކަފޫޓުގެ 158 ގޯތި
  • 3،250 އަކަފޫޓުގެ 49 ގޯތި
  • 3،650 އަކަފޫޓުގެ 22 ގޯތި

ގެނެވުނު ބަދަލާ ގުޅިގެން ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެކަމަށް ކަނޑައަޅާފައިވާ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ.

ބިން ލިބޭ ފަރާތްތަކުގެ ތެރެއިން އުސްފަސްގަނޑު ސަރަހައްދަށް ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެކަކަށް ވަދެވޭނެ އިންތިޒާމު އެ މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. ބިން ލިބޭ ފަރާތެއް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާ ނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާ އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާ އެކު ހާޒިރުވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާ އެކުވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު އެ މިނިސްޓްރީން ފަހުގެ ތާރީހެއްގައި ހިއްސާކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

Ads by Ooredoo