ދެން ފުރަމަލަ

މޯޑު: މެރެތަން އަކުން ރާއްޖެއަށް މެޑައްޔެއް ހޯދައިދިނުމުގެ އުއްމީދުގައި ހުރި މާފަރުގެ ފަޚުރުވެރި ދަރިއެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މުހައްމަދު ރަޝީދަކީ ރާއްޖޭގައި މިހާރު ތިބި ދިގު ދުވުން ދުވާ ދުވުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެތުލީޓެކެވެ. ކުޅިވަރުގައި ވިދުންގަދަ ގިނަ ތަރިންތަކެއް އުފެދިފައިވާ ނ.މާފަރަށް އުފަން މުހައްމަދު ރަޝީދުގެ ގިނަ އުއްމީދުތަކެއް އެބަހުއްޓެވެ. ގައުމާއި އަމިއްލަ ރަށް ފަޚުރުވެރިކޮށް ދިނުމަށް ހާސިލު ކުރަން ބޭނުންވާ ގިނަ ކާމިޔާބީތަކެއް އެބަހުއްޓެވެ.

Ads by Sosun Fihaara

ދިވެހި ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރާ ސާރޖަންޓް މުހައްމަދު ރަޝީދު ވަނީ އޭނާގެ ދުވުމުގެ ކެރިއަރުގެ އަޑިގުޑަން ވާހަކަތައް އަޅުގަނޑާއި ހިއްސާ ކޮށްފައެވެެ. ދެެއްވި ވަގުތުކޮޅަށްޓަކައި ޝުކުރުވެރިވަމެވެ.

ކުޑައިރު ކުޅެ އުޅުނީ ފުޓުބޯޅަ

މުހައްމަދަކީ ކުޑައިރު ކުޅިވަރަށް މާ ލޯބި ހުންނަ ކުއްޖެއް ނޫނެވެ. ހާއްސަކޮށް ދުވުމަކީ މާ ބޮޑު އިސްކަމެއް ދީގެން މުހައްމަދު ކޮށް އުޅުނު ކަމެއް ނޫނެވެ. މުހައްމަދު ތައުލީމު ހާސިލު ކުރީ ނ. މާފަރު ސުކޫލުގައެވެ. އެސުކޫލުގައި ތައުލީމް ހާސިލުކުރިއިރު އިންޓަރހައުސް ފުޓުބޯޅަ މުބާރާތްތަކުގައި މުޙައްމަދު ބައިވެރިވެއެވެ. ފުޓުބޯޅަ މުބާރާތްތަކުގައި މޮޅު ކުޅުމެއް ވެސް ދައްކާފައި އެބަހުއްޓެވެ.

އެއްފަހަރަކު ނ.މާފަރު ސުކޫލުގައި ދުވުމުގެ ރޭހެއް ބޭއްވި ކަމަށް މުހައްމަދު ކިޔައިދިނެވެ. އެތްލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ބޭފުޅަކު މާފަރަށް ދުރުވެ ބޭއްވި އެ ރޭހުން މުހައްމަދު އަށް ލިބުނީ 3 ވަނަ އެވެ. އެ ރޭހުގައި ފުރިހަމަ ކުރަން ޖެހެނީ މާފަރުގެ ފުޓުބޯޅަދަނޑު ވަށާ 3 ބުރެވެ.

މާފަރު ސުކޫލުން ގުރޭޑް 10 ނިންމުމަށްފަހު މުހައްމަދު މާލެ ބަދަލުވީ ދިވެހި ގައުމީ ދިފާއީ ބާރާއި ގުޅުމަށެވެ. އެއީ އޭނާގެ މަންމަގެ ވަރަށް ބޮޑު އެދުމަކަށް ވާތީއެވެ. އޭރު އެއީ އޭނާ އެހާ ބޭނުންވި ކަމެއް ވެސް ނޫނެވެ. ނަމަވެސް މަންމަގެ ހުވަފެންތަކަށް ފުރަގަސް ދޭން ބޭނުން ނުވީއެވެ.

މުހައްމަދު ދުވަން ހިތް ޖެހުނީ ކިހިނެއް؟

މުހައްމަދަކީ ކުރިން އެހާ "ފިޓްނަސް" ރަނގަޅު މީހެއް ނޫނެވެ. އެހެންކަމުން ސިފައިން ގޭގައި ކުރިއަށް ގެންދާ ފިޓްނަސް ކޯސްތަކުގައި ވެސް ބައިވެރިވާން މުޙައްމަދު ޖެހިލުންވެއެވެ. ސަބަބަކީ އެކަމަކީ އޭނާއަށް ނުވާނެ ކަމެއްގެ ގޮތުގައި ހީވެފައި އޮތުމެވެ. ނަމަވެސް މުހައްމަދުގެ އަންހެނުންގެ އެދުމުގެ މަތިން އަދި ސިފައިންގޭގައި ކުރިއަށް ދެވެން އޮތް ހަމަ އެކަނި މަގަކީ ޓްރެއިނިންގްތައް ހަދައިގެން ކަމަށްވާތީ ސިފައިންގޭގައި ބޭއްވި "ފިޒިކަލް ޓްރެއިނިންގް އިންސްޓްރަކްޓަރ" ކޯހެއްގައި ބައިވެރިވުމަށް ނިންމިއެވެ. އެހެނަސް އެއީ އޭނާ ހިތާ ދެކޮޅަށެވެ. އޭނާގެ އަންހެނުން އޭނާގެ ގާތުގައި އެ ކޯހުގައި ބައިވެރިވުމަށް ކުރި "އާދޭހެއް"ގެ ސަބަބުންނެވެ.

އެ ކޯހުގެ އެންމެ މައިގަނޑު ބަޔަކީ "ފިޒިކަލް ފިޓްނަސް" އެވެ. އެހެންކަމުން ކޯހަށް ދިޔައިރު ވަރަށް ބިރުގަތް ކަމަށް މުހައްމަދު ބުންޏެވެ. ސިފައިންގޭގައި "ބޭސިކް ފިޓްނަސް" ކިޔާ ޓެސްޓެއް އޮވެއެވެ. އެ ޓެސްޓުގައި ދުވަން ޖެހެނީ ގާތްގަނޑަކަށް 3.2 ކިލޯމީޓަރެވެ. މިހާރު ގާތްގަނޑަކަށް 45 ކިލޯމީޓަރު ހުއްޓާ ނުލާ ދުވާ މުހައްމަދު އެދުވަހު 3.2 ކިލޯމީޓަރަށް ނުދުވެވި ދާނެތީ ޖެހިލުންވިއެވެ. ސަބަބަކީ އެ ޓެސްޓުން ފާސް ނުވެއްޖެ ނަމަ ޕްރޮމޯޝަނެއް ވެސް ނުލިބޭނެތީއެވެ.

ކަންތައްތައްވެގެން ދިޔައީ މުހައްމަދު ހީކުރި ގޮތާ ޚިލާފަށެވެ. "ފިޒިކަލް ފިޓްނަސް އިންސްޓްރަކްޓަރ" ކޯހުގައި އޮތް ދުވުމުގެ އިވެންޓުތަކުގައި "ޓޮޕް 5"ގައި އޭނާ ހިމެނުނެވެ. ސިފައިންގޭގެ އެންމެ ފިޓު އެއް ޔުނިޓު ކަމަށްވާ "ސްޕެޝަލް ފޯސް"ގެ ބޭކަލުންނާ އެއް ހަމައެއްގައި މުހައްމަދު ދުވުމުގެ ރޭސްތަކުގައި އެ ދުވަސްވަރު ހިފަހައްޓާލިއެވެ.

ދުވުމަށް ޝައުގުވެރިކަން އުފެދި މުޙައްމަދަށް ވެސް ދުވެވިދާނެކަން ވިސްނުނީ އެދުވަހު ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ބޭނުންވީ ފިޓްނަސް ދަމަހައްޓަން، ދުވުމުގެ ދާއިރާއިން ކުރިއަށް ދާކަށް ނޫން

އެހިސާބުން ވެސް ގައުމީ ފެންވަރުގައި ދުވުންތެރިއަކަށް ވުމަކަށް މުހައްމަދު ޚިޔާލެއް ނުކުރެއެވެ. ބޭނުންވީ ސިފައިންގޭގެ ފިޒިކަލް ފިޓްނަސް ޓްރެއިނިންގައި ލިބުނު ދުޅަހެޔޮކަން ދަމަހައްޓާށެވެ.

"ދުވާ ޓްރެކަށް ގޮސް ވެސް ގައުމީ އެތުލީޓުން ދުވާ ތަން ފެންނާތީ ހިތަށް އަރަނީ، ކިހިނެއްބާއޭ މިމީހުން ދުވާ ވަރަށް އަހަރެން ދުވާނީ"

އެންމެ ފުރަތަމަ މުހައްމަދު ބޭނުންވީ އޭރުގެ ވަރަށް މަޝްހޫރު ދުވުންތެރިންގެ ކުލަބެއް ކަމަށްވާ "މޭޑް ރަނަރސް"އާ ގުޅުމަށެވެ. އެގޮތުން ދުވާ ޓްރެކަށް މުހައްމަދު ދިޔައީ "މޭޑް ރަނަރސް"އާ ގުޅުމަށެވެ. އެއީ ފިޓްނަސް ހިފެހެއްޓުމަށް ޓަކައެެވެ.

ދުވުމަށް ގޮސް އުޅުނު ފުރަތަމަ ދުވަސްކޮޅު ދިމާވި ކަމެއް މުޙައްމަދު ވަނީ ހިއްސާކޮށްފައެވެ.

"ދުވަން ގޮސް އުޅެނިކޮށް ދިމާވީ ނަސްރުﷲ އާ ، އޭނާއަކީ މިހާރު ރާއްޖޭގެ އެންމެ ގިނަ މެރެތަން ދުވުމުގެ ރިކޯޑް އޮތް ދުވުންތެރިޔާ ، އަހަރެން އަހާލީ "މޭޑް ރަނަރސް" އަކީ ކޮބައިތޯ، އެހީމާ ބުނީ މޭޑް ރަނަރސް ހޯދަނީ ކީއްކުރަންތޯ ، ދެން އަހަރެން ބުނިން ފިޓްނަސް ހިފެހެއްޓަން ވެގެން ޖޮއިން ކުރަންށޭ ، ދެން ނަސްރުﷲ ބުނީ ދުވުމުން ކުރިއަށް ދާން ބޭނުން ހެއްޔޭ؟ ނޫނީ ހަމަ މަޖަލަކަށް ދުވަންހޭ ބޭނުމީ ، ކުރިއަރަން ބޭނުން ނަމަ ތަމްރީން ކޮށްދީފާނެ ކަމަށް ނަސްރު ބުނީ" ނަސްރުﷲ ގެ އެހީތެރިކަން ލިބުނު ގޮތް މުޙައްމަދު ކިޔައިދިނެވެ.

މުހައްމަދުގެ ފުރަތަމަ ތަމްރީނުތައް ކުރިއަށް ދިޔައީ ނަސްރުﷲގެ ބެލުމުގެ ދަށުންނެވެ. ނަސްރުﷲއާއެކު ގާތްގަނޑަކަށް 6 މަސް ދުވަހު މުހައްމަދު ހުއްޓާ ނުލާ ތަމްރީނުތައް ކުރިއަށް ގެންދިޔައެވެ.

މުހައްމަދު ނަސްރުﷲ އަހްމަދުއާއެކު

މުހައްމަދުގެ އެންމެ ފުރަަތަމަ މެރެތަން 

ނަސްރުﷲއާއެކު 6 މަސް ދުވަހު ތަމްރީންތައް ކުރިއަށް ގެންދިޔަ ފަހުން ރާއްޖޭގައި ގައުމީ ފެންވަރުގެ މެރެތަން އެއް ބާއްވަން ނިންމިއެވެ.އެެއީ 2014 ވަނަ އަހަރުގައެވެ. މޯލްޑިވިއަންގެ ފަރާތުން ސްޕޮންސަރ ކޮށްގެން ބާއްވާ މި ހާފް މެރެތަން (21 ކިލޯ މީޓަރު)ގައި މުހައްމަދު ބައިވެރިވާން ނިންމިއެެވެ. އެ މެރަތަނއގައި ވާދަކުރަން ޖެހުނީ ރާއްޖޭގެ އެންމެ މޮޅެތި ދުވުންތެރިން ކަމަށްވާ ރިޒާ އަދި ޝިފާޒްމެން ފަދަ ދުވުންތެރިންނާއެެވެ.

އެ މެެރެތަން މުހައްމަދަށް 4 ވަނަ ނިންމުނެވެ.އެހިސާބުން މުހައްމަދަށް ވެސް ދުވުމުގެ ދާއިރާއިން ކުރިއަށް ދެވިދާނެ ކަމުގެ އުއްމީދު އައު ވެގެން ދިޔައެވެ.

ދުވުމުން ބްރޭކެއް ނަގަން ޖެހުނު

ދުވުމަށް ޓަކައި ގައުމީ ދިފާއީ ބާރުން މުހައްމަދު އަށް މިހާރު "ރިލީޒް" ދީފައި ވިޔަސް އެންމެ ފުރަތަމަ ފަށައިގަތްއިރު މުހައްމަދަކީ ސިފައިންގޭގެ ރިލީޒްގައި ހުރި ދުވުންތެރިއެއް ނޫނެވެ. ސިފައިންގެއިން ރިލީޒް ލިބެނީ އެ މީހަކީ "އެތްލެޓިކްސް" އިން ގައުމަށް ރީތިނަން ހޯދައިދެވޭނެ ވަރުގެ މީހެއްކަން ސާބިތު ކޮށްދިނުމުންނެވެ.

އޭރު މުހައްމަދުގެ ފިޓްނަސް އެހާ ރަނގަޅު ނޫން ކަމަށް ފާހަގަކުރަމުން އޭނާ ބުނީ އެދުވަސްވަރު އޭނާ ދުވަން ދަނީ ޑިއުޓީ ނޯންނަ ދުވަސްތަކުގައި ކަމަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން މިނިވަން ފަންސާހާއި ދިމާކޮށް މުހައްމަދު "މިއުޒިކަލް ޑްރިލް" ޓީމާ ގުޅެން ޖެހުނެވެ. އެހިސާބުން މުހައްމަދަށް ހުސްވަގުތު ލިބުންވީ ވަރަށް ދަތި ކަމަކަށެވެ. އެހެންކަމުން އެ ދުވަސްވަރު މުހައްމަދަށް ޖެހުނީ ދުވުމުން ބުރޭކެއް ނަގާށެވެ. އެ ބްރޭކް އަހަރެއްހާ ދުވަހަށް ދެމިގެން ދިޔައެވެ. މުޙައްމަދު ފާހަގަ ކުރިގޮތުގައި އެ ދުވަސްވަރު އޭނާގެ ހަށިގަނޑަށް ބަދަލު އައިސް ބަރުދަން އިތުރުވެ ވަރަށް "އަންފިޓް" ވިއެވެ.

އަމިއްލަ ގޮތުން ނޭޕާލުން ކޯޗެއް ގެނައި

މުހައްމަދު ބުނީ އޭރު އެކުގައި ދުވަން އުޅުނު ފަސްވަރަކަށް މީހުން އެމީހުންގެ ތަމްރީންތައް ފުރިހަމަ ކުރުމަށްޓަކައި އަމިއްލައަށް ހަރަދުކޮށްގެން ނޭޕާލުން ކޯޗެއް ގެނައި ކަމަށެވެ. އެއް މަސް ދުވަސް ވަންދެން އެ ކޯޗާއެކު މުހައްމަދުމެން ތަމްރީންތައް ކުރިއަށް ގެންދިޔައެވެ.

އެ ކޯޗަކީ ނޭޕާލްގެ މިހާރުގެ ގައުމީ ކޯޗް ދަނީރާމް ޗޯދްރީއެވެ. އޭނާއާއެކު ތަމްރީންތައް ކުރިއަށް ގެންދަން ފެށުމުން ވަރަށް އަވަހަށް ތަފާތު ފެންނަން ފެށި ކަމަށް މުހައްމަދު ފާހަގަ ކުރިއެވެ. އެ ހިސާބުން ފަށައިގެން މިއަދާ ހަމައަށް ވެސް ތަމްރީންތައް ކުރިއަށް ގެންދަނީ ދަނީރާމް ޗޯދްރީގެ ބެލުމުގެ ދަށުންނެވެ.

5 ކިލޯމީޓަރުގެ ގައުމީ ރިކޯޑް އޮތީ މުހައްމަދު އަތުގައި

އެންމެ ފުރަތަމަ ދުވަން ފެށީއްސުރެ ވެސް މުހައްމަދު ދެކެން ފެށި ހުވަފެނަކީ ގައުމީ ރިކޯޑެއް ހެދުމެވެ. ގައުމީ ރިކޯޑް "ހޯލްޑަރ" އަކަށް ވުމަކީ މުހައްމަދު ކުރަމުން އައި އުއްމީދެކެެވެ. އެ އުއްމީދު މި އަހަރުގެ ފެބްރުވަރީ މަހު އޭނާ ވަނީ ޙާޞިލް ކޮށްފައެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތުގެ ރަސަލް ހައިމާގައި އޮތް ރޭހެއްގައި މުހައްމަދު ވަނީ 5 ކިލޯމީޓަރުގެ ގައުމީ ރިކޯޑް ހަދާފައެވެ.

5 ކިލޯމީޓަރުގެ ރިކޯޑް ކުރިން އޮތީ ގައުމީ ދިފާއީ ބާރުގެ ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫންގެ އަތުގައެވެ. އެއީ 15 މިނެޓު 50 ސިކުންތެވެ. މުހައްމަދު އެ ރިކޯޑް މުގުރާލީ 15 މިނެޓު 33 ސިކުންތުން ދުވެގެންނެވެ.

މުހައްމަދުގެ ދުވުމުގެ ކެރިއަރުގައި އެންމެ އުފާވި ދުވަހަކީ އެއީއެވެ. މުހައްމަދުގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ވެސް ރިކޯޑްތަކެއް ހެދުމެވެ.

މުހައްމަދު ދެކޭ ހުވަފެން

މުހައްމަދުގެ އެންމެ ބޮޑު އުއްމީދަކީ އެންމެ ކުޑަމިނުން ސައުތު އޭޝިއާގެ ސަރަހައްދުން ނަމަވެސް މެޑައްޔެއް ހޯދުމެވެ. މިހާތަނަށް އަދި ދިގު ދުވުމުން ރާއްޖެއަށް މެޑައްޔެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން މުހައްމަދުގެ އުއްމީދަކީ ގައުމަށް ރީތި ނަން ހޯދައި ދިނުމަށްޓަކައި މެޑައްޔެއް ހާސިލު ކުރުމެވެ.

"ރަށުގަ ވެސް އެބަ ތިބި އެގޮތަށް ސައުތު އޭޝިއާގެ ދެ ގޯލްޑް ކެޕްޓަނުން އަކްރަމް އާއި އައްސަދު ، އެއީ ވަރަށް ބޮޑަށް މޯޓިވޭޓްވާ ކަމެއް ، އެހެންވީމަ ދުވުމުން ވެސް ރަށަށާ ގައުމަށް ވެސް ރީތި ނަން ހޯދައިދޭން ބޭނުމީ"

ރަށު ރައްޔިތުން ވެސް މުހައްމަދަށް ތަރުހީބުދީ ހިތްވަރުދޭ ކަމަށް މުޙައްމަދު ފާހަގަ ކުރިއެވެ.

މުހައްމަދުގެ ކާމިޔާބީތައް

މިހާތަނަށް މުހައްމަދު ވަނީ 9 ފުލް މެރަތަން ދުވެފައެވެ. އެ މެރެތަން ތަކަކީ:

  1. ދުބާއީ މެރެތަން (2017) 2 ގަޑިއިރާއި 51 މިނެޓު
  2. ކަތަމަންޑޫ މެރެތަން (2017) 2 ގަޑިއިރާއި 55 މިނެޓު
  3. ދުބާއީ މެރެތަން (2018) 2 ގަޑިއިރާއި 40 މިނެޓު
  4. އައްޑޫ އިންޓަރނޭޝަނަލް މެރެތަން (2018) 3 ގަޑިއިރާއި 05 މިނެޓު
  5. ގޯލްޑްކޯސްޓް މެރެތަން (2018) 2 ގަޑިއިރާއި 53 މިނެޓު
  6. ބާރލިން މެރެތަން (2018) 2 ގަޑިއިރާއި 44 މިނެޓު
  7. ދުބާއީ މެރެތަން (2019) 2 ގަޑިއިރާއި 37 މިނެޓު
  8. ޗިއަންގް މައި މެރެތަން (2019) 2 ގަޑިއިރާއި 50 މިނެޓު
  9. ދުބާއީ މެރެތަން (2020) ދެ ގަޑިއިރާއި 36 މިނެޓު

މުހައްމަދަކީ 2014 ވަނަ އަހަރު އަދި 2017ވަނަ އަހަރު ސިފައިންގޭގައި ހުރި އެންމެ ހަށިހެޔޮ މީހާ، "ފިޓެސްޓް ސޯލްޖަރ" ގެ ފަޚުރުވެރި މަގާމު ވެސް ހާޞިލްކޮށްފައިވާ މީހެކެވެ.

2014 ވަނަ އަހަރު ތައިލެންޑުގައި އޮތް ޕުކެޓް އިންޓަރނޭޝަނަލް މެރެތަން އިން އުމުރު ފުރާއިން މުހައްމަދު ވަނީ ލޯ މެޑަލް ހާސިލު ކޮށްފައެވެ. އެއީ މުހައްމަދުގެ ފުރަތަމަ ކާމިޔާބީއެވެ. މީގެ އިތުރުން ވެސް މުހައްމަދުވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މުހައްމަދުގެ ޝުކުރުގެ ލިސްޓު

ދުވުމުގައި މުޙައްމަދަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީގެ ފަހަތުގައި ހުރީ އޭނާގެ އަންހެނުންނެވެ. "ނުވާނެ" ވިސްނުން "ވާނެ" ވިސްނުމަކަށް ބަދަލުކޮށްދިނުމުގައި މުޙައްމަދުގެ އަންހެނުން ދިން ހިތްވަރު އޭނާ ފާހަގަކޮށް މުޙައްމަދު ވަނީ އަންހެނުންނަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

އޭގެ އިތުރުން ގައުމީ ދިފާއީ ބާރާ ގުޅުމަށް މުޙައްމަދަށް އިރުޝާދު ދިން މުޙައްމަދުގެ މަންމަ އަކީ އޭނާގެ ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު މަދަދުގާރު ކަމުގައި މުޙައްމަދު ފާހަގަ ކުރިއެވެ. އަދި ބައްޕައާއި އާއިލާގެ އެންމެން ދޭ ހިތްވަރު ފާހަގަކޮށް އެ އެންމެނަށް މުޙައްމަދު ޝުކުރު އަދާ ކުރިއެވެ.

މުހައްމަދުގެ ޝުކުރުގެ ލިސްޓުގައި އޭނާ ދެން ފާހަގަ ކުރީ ސްޓާފް ސާރޖަންޓް ނަސްރުﷲ އަހްމަދުއެވެ.  އޭނާގެ އެންމެ ފުރަތަމަ ކޯޗަކީ ނަސްރުﷲ އަހްމަދުއެވެ. މިއަދާ ހަމައަށްވެސް ނަސްރުﷲގެ އެހީތެރިކަން ލިބޭކަމުގައި މުހައްމަދު ފާހަގަކުރިއެވެ.

މުހައްމަދުގެ ޝުކުރުގެ ލިސްޓުގައި ދިވެހި ގައުމީ ދިފާއީ ބާރާއި ސިފައިންގެ ކުލަބްގެ ނަން ފާހަގަ ކުރީ ޝުކުރުން ފުރިފައިވާ ހިތަކާއެކުގައެވެ. ސަބަބަކީ އޭނާއަށް ދުވުމުގައި ކުރިއަށް ދެވެނީ ސިފައިންގޭގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމުގައި ވާތީއެވެ. އެހެންކަމުން ސިފައިންގޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއަށް ވެސް މުހައްމަދު ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެެވެ.

މުހައްމަދުގެ އާއިލާއިން އޭނާއާ މެދު ފަޚުރުވެރިވޭ

މުހައްމަދުގެ މުޅި އާއިލާއިން ވެސް މިއަދު އޭނާގެ ކާމިޔާބީއާމެދު ފަޚުރުވެރިވެއެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. މުހައްމަދަކީ މިއަދު ދިގު ދުވުން ދުވުމުގެ ދާއިރާއިން ރާއްްޖޭގެ އެންމެ އުހުގައި ފިޔަޖަހާ އެއް ދުވުންތެރިޔާއެވެ.

މުހައްމަދުގެ އަންހެނުން ބުނީ މުހައްމަދަކީ ކުރިން ޖޮގިންއަށް ދާން ވެސް ބޭނުންވާ މީހެއް ނޫން ކަމަށެވެ. އެގޮތުން ދާހިއްލާ ކަމުގައި ބުނެ ކުރިން ދުވަން ވެސް ނުދާކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން ސިފައިންގޭގެ ފިޒިކަލް ފިޓްނަސް ޓްރެއިނިންއަށް މުހައްމަދު ފޮނުވީ "ގަދަކަމުން" ކަމުގައި އޭނާގެ އަންހެނުން ފާހަގަކުރިއެވެ.

މުހައްމަދު މިއަދު ދުވުމުގެ ދާއިރާއިން ކުރިއަރާ މިހާ ގިނަ ކާމިޔާބީތަކެއް ހޯދަމުން ދާތީ އޭނާގެ އަންހެނުންވެސް މުހައްމަދާ މެދު ނުހަނު ފަޚުރުވެރި ވެއެވެ. އެކަމާ ނުހަނު އުފާވެއެވެ. މުހައްމަދުގެ ކެރިއަރުގައި މިހާތަނަށް ކޮންމެ ރޭހެއްގައި ވެސް ކޮންމެ ވަނައަކަށް ދިޔަ ނަމަވެސް ވަރަށް އުފާވާކަން ފާހަގަކުރިއެވެ. އަދި އެންމެ އުފާވީ މުހައްމަދުގެ އުއްމީދެއް ކަމުގައި ގައުމީ ރިކޯޑެއް އޭނާ ހެދި ދުވަހު ކަމަށް ވެސް ފާހަގަ ކުރިއެވެ.

މުހައްމަދުގެ ކެރިއަރުގައި އޭނާގެ އަންހެނުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ސައުތު އޭޝިއަން ގޭމްސްގައި މުބާރާތަކުން ރާއްޖެއަށް މެޑަލް އެއް ހޯދައިގެން ގައުމަށް ރީތި ނަން ހޯދައިދޭ ދުވަހެކެވެ. އެއީ މުހައްމަދުގެ ވެސް އެންމެ ބޮޑު އެއް އުއްމީދެވެ.

މުހައްމަދުގެ މަންމައަށް ގުޅާ ވާހަކަ ދައްކާލުމުން މަންމަ ބުނީ، ދަރިއަކު އެފަދަ ކާމިޔާބީތަކެއް ހާސިލުކުރަމުން ދާތަން ފެނުމަކީ ނުހަނު އުފާވާ ވަރަށް ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ. މުހައްމަދުގެ މަންމަ ދެކެން ބޭނުންވާ ދުވަހަކީ ބައިނަލްއަގްވާމީ މުބާރާތަކުން ރަން މެޑައްޔެއް ޙޯދައިގެން މުހައްމަދުގެ މަންމަގެ ގާތަށް އަންނާނެ ދުވަހެއް ކަމުގައި ވެސް މުހައްމަދުގެ މަންމަ ފާހަގަ ކުރިއެވެ.

މުހައްމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިސްމާއިލް އަހްމަދު ބުނީ ދޮންބެ އެފަދަ ގިނަ ކާމިޔާބީތަކެއް ހޯދާތީ ވަރަށް އުފާވާ ކަމަށާއި ދޮންބެއާމެދު ފަޚުރުވެރިވާ ކަމަށެވެ. އެގޮތުން ސިފައިންގޭގެ އެންމެ ހަށިހެޔޮ މީހާގެ މަގާމު 2014 ވަނަ އަހަރު ހާސިލު ކުރުމުން ވަރަށް އުފާވި ކަމުގައި އިސްމާއިލް ފާހަގަ ކުރިއެވެ.

އިސްމާއިލް އޭނާގެ ދޮންބެއާމެދު ކުރާ އުއްމީދަކީ ގައުމީ ގިނަ ރިކޯޑް ތަކެއް އަދިވެސް ހާސިލު ކުރުމެވެ. އެގޮތުން މިހާރު 5 ކިލޯމީޓަރުގެ ގައުމީ ރިކޯޑް އޮތީ އޭނާގެ ދޮންބެގެ އަތުގައި ކަން އުފަލާއެކު ފާހަގަކުރަމުން އިސްމާއިލް ބުނީ އޭނާގެ އުއްމީދަކީ 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަންއިން ވެސް ދޮންބެ ގައުމީ ރިކޯޑް ހެދުން ކަމަށެވެ.

މުހައްމަދުގެ ކޮއްކޮއެއް ކަމަށްވާ ސޯދިޤާ އަހްމަދު ފާހަގަ ކުރީ އޭނާގެ ދޮންބެ އެހާގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނާތީ ވަރަށް "ޕްރައުޑް" ވާ ކަމަށެވެ. ނުހަނު އުފާވާ ކަމަށެވެ. އަދި އަބަދުވެސް އެގޮތުގައި ކުރިއަށް ދިއުމަށް މުހައްމަދަށް އޭނާގެ ކޮއްކޮ ވަނީ ހިތްވަރު ދީފައެވެ.

"އަބަދުވެސް ތިޔަ ގޮތުގައި ކުރިއަށް ދާށޭ. ދޮންބެއަށް ކުރިއެރުމަށް އެދި އަބަދުވެސް ދުއާ ކޮށްދޭނަމޭ"

ސޯދިޤާ

މުހައްމަދަކީ އޭނާގެ އާއިލާގެ އެންމެ ދޮށީ މީހާއެވެ. މުހައްމަދުގެ އެންމެ ކުޑަ ކޮއްކޮގެ އުމުރަކީ 10 އަހަރެވެ. އުމުރުން އެންމެ 10 އަހަރުގެ އިސްހާޤުއާ ވެސް އަޅުގަނޑު ވާހަކަ ދައްކާލީމެވެ. އިސްހާގު ބުނީ ދޮންބެ އެހާ ގިނަ ވަނަތައް ހާސިލު ކުރާތީ ވަރަށް އުފާވާ ކަމަށެވެ. އަދި ދޮންބެ ދެކެ ވަރަށް ލޯބިވާ ކަމަށާއި ދޮންބެގެ މަތިން ހަނދާންވާ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ދެފަހަރަށް ރަން މެޑަލް ގެނައިއިރު ވެސް ޓީމުގެ ކެޕްޓަންކަމުގައި ތިބި އަކްރަމް އަދި އައްސަދުގެ އުފަން ރަށް ނ.މާފަރަށް ނިސްބަތްވާ 28 އަހަރުގެ ފަޚުރުވެރި ޒުވާނެއްގެ އުއްމީދުތަކުގެ ވާހަކައެވެ. ފުޓުބޯޅައިން އެ ދެ ކެޕްޓަނުން ގައުމަށާއި ރަށަށް ރީތި ނަން ހޯދައިދިން ފަދައިިން ދުވުމުގެ ދާއިރާއިން ގައުމަށާއި ނ.މާފަރަށް ރީތި ނަން ހޯދައި ދިނުމަކީ ސަރޖަންޓް މުހައްމަދު ރަޝީދުގެ އުއްމީދެވެ.

މުހައްމަދު ރަޝީދާއެކު ހޭދަކޮށްލެވުނު ވަގުތުކޮޅަކީ އުފާވެރި ވަގުތު ކޮޅެކެވެ. އަޅުގަނޑާއި "ދެން"ގެ ފަރާތުން މުޙައްމަދަށް އިތުރު ކާމިޔާބީތަކަށް އެދެމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!