ޚަބަރު ސަރުކާރު

އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށް އެދިއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން މާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް

އިސްލާމީ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އީދުގެ ހަރަކާތްތައް ރާވައި، ކުރިއަށް ގެންދިއުމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

Ads by STELCO

މި އަހަރުގެ ބޮޑު އީދު ދުވަސް ދިމާވަނީ އަންނަ ހުކުރު ދުވަހާ އެވެ. ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ފިޔަވައި އިތުރު ދުވަހެއް އީދާ ގުޅިގެން ބަންދު ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އީދާ ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަޟްހާ އީދަކީ ދިވެހި ގައުމަށާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި އެހާމެ އުފާވެރި މުނާސަބަތެއް ކަމަށެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ކުލަގަދަ ގޮތެއްގައި މި އީދު ފާހަގަކުރަމުންދާ ބައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، އިޖުތިމާއީ ގުޅުން ބަދަހިވުމުގެ އިތުރުން ސަގާފަތާއި އާދަކާދަ ތަމްސީލުކޮށްދޭ ކަމަށެވެ.

އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ކުދިބޮޑު އެންމެން އީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމުގައި ފާހަގަކުރި އެވެ.

"އަދި އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެކެވެ." ބަޔާނުގައިވެ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ އީދު ފާހަގަކުރުމުގައި އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތިން ހުރިހާ ރައްޔިތުން އަމަލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އީދު ފާހަގަކުރުމުގެ ކަންކަން ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރުމަށް އެ މިނިސްޓްރީން ވަނީ ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް އަންގާފަ އެވެ.

Ads by Ooredoo